ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނަން އުޅުނު ބަދަލުތައް ނުގެނެވުނީ އެއްވެސް ޕްލޭނެއްނެތި ކަންކަން ކުރަން އުޅުމުން ކަމަށް މި ސަރުކާރުގެ ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީއެންސީ އިން ސިލްސިލާކޮށް މިހާރު ބާއްވަމުންދާ ޖަގަހަ ޖަލްސާތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޚަލީލް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގެ ކަންކަން ހުރި ގޮތާމެދު އަލިއަޅުވާލައްވާފައެވެ.

ޚަލީލް ވިދާޅުވީ، އާބާދީ ބޮޑެތި ރަށްރަށުގައި ހޮސްޕިޓަލްތަކެއް އަޅާނެ ކަމަށް ބުނެ އޭރުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ބަދަލުތަކެއް ގެންނާނެ ކަމަށް ވައުދުވި ކަމަށެވެ. ނަމަވެސް އެ ވައުދުތައް ވީ ބަޖެޓުގައި އެކަމަށް ފައިސާ ހުރިކަން ޔަގީން ނުކޮށް ރިޔާސީ އިންތިހާބާއި ދިމާކޮށްކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ހީވީ މާދަމާ ފަށާފާނެހެން ކަމަށާއި ނަމަވެސް، އެކަންކަން އެގޮތަށް ކުރިއަށް ގޮސްފައި ނެތްކަމަށެވެ. އަދި އެހެން ދިމާވީ ދައުލަތުގައި އެ ހަކަތަ ނެތްއިރު އެކަން ކުރަން އުޅުމުންކަމަށް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ، އޭރުގެ ސަރުކާރުން ހޮސްޕިޓަލްތައް އަޅަން ނިންމާފައި އޮތީ އެ މަސައްކަތްތައް އެއަށްވުރެ އެތައްގުނައެއް ކުޑަކޮށް ކުރެވެން އޮއްވާކަމަށެވެ. ހަލީލް ދެއްވި ޔަގީންކަމަކީ މިދިޔަ ސަރުކާރުން މަޝްރޫއުތައް ހިންގަން ކަނޑައެޅި އަދަދަށްވުރެ ކުޑަ އަގެއްގައި މި ސަރުކާރުން އެކަންކަން ކޮށްދޭނެ ކަމެވެ.

"އެ ބޭފުޅުން 50 އެނދުގެ ހޮސްޕިޓަލެއް ރާވާފައި އޮތީ ގާތްގަނޑަކަށް 200 މިލިޔަނުން މަތީގައި ކުރަން. އަޅުގަނޑުމެން ހަމަ އެ ހިދުމަތްތައް އޭގެ ދެގުނަ ދަށްކޮށް ކުރާނަން." ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސިއްހީ ދާއިރާއާއި ގުޅޭ 57 މަޝްރޫއެއް ހަވާލުކޮށްފައި އޮތްނަމަވެސް އޭގެ ތެރެއިން 34 މަޝްރޫއެއް އޮތީ ހުއްޓިފައި ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓަރުންނާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު ޖުމުލަ 20 މަޝްރޫއެއްގެ މަސައްކަތް މިހާރު އަލުން ފެށިގެން ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން