އީސީގެ ކުރީގެ ނައިބުރައީސް ހަބީބް
އީސީގެ ކުރީގެ ނައިބުރައީސް ހަބީބް
އީސީގެ ކުރީގެ ނައިބުރައީސް އިސްމާޢީލް ހަބީބް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައަޅައިފިއެވެ.

އެޗްއާރްސީއެމްގެ މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ ޖޫން 30 ވަނަ ދުވަހު އެވެ. އަދި އެ ކޮމިޝަންގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ.

ޙަބީބުގެ ނަން ދިރާސާކުރުމުގެ މައްސަލަ ފޮނުވާފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި، ކޮމިޝަންގެ މެންބަރު މުއުމިނާ ވަހީދު އާއި، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހްމަދު ނަޖީބެވެ.

ޙަބީބު މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ އެކި މަގާމުތައް ހިމެނޭ ގޮތަށް އެ ކޮމިޝަންގައި 21 އަހަރު ހިދުމަތް ކުރައްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން