ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ފައިސާގެ އަދަދުތައް ހިމަނާފައިވާ ގޮތުން މަޝްރޫއުތައް ކުރިއަށް ގެންދަން އުނދަގޫ ކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. މުއްޠަލިބް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ އަދަދަށް ފައިސާ ހިމަނާފައިނުވާ ކަމަށާއި އެކަމާ ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން ވަޒީރު މުއްތަލިބް މިއަދު ވިދާޅުވީ ބަޖެޓުގައި ވަރަށް ގިނަ މަޝްރޫއުތައް ހިމަނާފައި ހުރި ނަމަވެސް ބޮޑެތި ބައެއް މަޝްރޫޢުތަކަށް ޖަހާފައި ހުރި ފައިސާގެ ޢަދަދުތަކަކީ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ މިންވަރު ނޫން ކަމަށެވެ. އެގޮތުން މަޝްރޫޢެއް ފެށުމަށް ލައްކައެއްހާ ރުފިޔާވެސް ޖަހާފައި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އިސްކަންދޭ މަޝްރޫއުތަކެއް ކަނޑައަޅައި ބަޖެޓު ތެރެއިން ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.

"ކޯޒްވޭއަކަށް ފަހަރެއްގައި އިނދެދާނެ ދެ ތިން މިލިއަން ރުފިޔާ ޖަހާފަ." ވަޒީރު މިއަދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވަޒީރު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ފެނަކައާ ހަވާލުކުރި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއުތައް މިހާރު ހުރީ ހުއްޓިފައި ކަމަށާއި އެހެންކަމުން އެ ހުރިހާ ކޮންޓްރެކްޓެއް ބާތިލް ކޮށްފައިވާ ކަމަށެވެ.

އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްގެން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށް ވަޒީރު މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން