ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވުމަށް އަންގާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމަށް މިއަދުވެސް މަޖިލީހަށް ވަޑައި ނުގެންނެވޭނެ ކަމަށް އަންގަވައިފިއެވެ.

މިފަހަރު ގަވަނަރަށް ވަޑައި ނުގެންނެވޭނެ ކަމަށް އެންގެވީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަނީ އެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބޭނުން ވާތީއެވެ. މިއަދު އެމްއެމްއޭއިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ ކޮމިޓީއަށް މިއަދު ގަވަރުނަރަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

މިއަދު 11:00 އަށް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ތާވަލް ކޮށްފައި އޮތް ނަމަވެސް ގަވަނަރު ހާޒިރުވެ ވަޑައިގެންފައެއް ނުވެއެވެ. މިއަދުގެ ކޮމިޓީގެ އެޖެންޑާގައި އޮތީ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާއި ގުޅޭ މައްސަލައާ ގުޅޭ ގޮތުން ގަވަރުނަރާ ބައްދަލުކުރެއްވުމެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މިއަދުގެ ބައްދަލުވުމުގައި ގަވަނަރު ހާޝިމްގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި އެސިސްޓަންޓް ގަވަރުނަރު އިދުހާމް ހުސެއިން ވެސް ހާޒިރު ވުމަށް އަންގާފައިވާ ކަމަށެވެ.

ގަވަނަރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވަނީ ކޮމިޓީގެ މެންޑޭޓުގެ ދަށުން އެމްއެމްއޭގެ މަސައްކަތްތަކާގުޅޭ މައުލޫމާތު އޮޅުންފިލުވައި ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން މެންބަރުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށެވެ.

މާލިއްޔަތު ކޮމިޓީން ދަނީ ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހޯދުމަށް ކަމާގުޅުންހުރި އެކި އިދާރާތައް ކޮމިޓީއަށް ހާޒިރުކުރަމުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން، މިދިޔަ މަހު އެ ކޮމިޓީއަށް މާލީ ވަޒީރުވެސް ވަނީ ހާޒިރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން