އެމް.އެމް.އޭ ގެ ގަވަރނަރ އަލީ ހާޝިމް
އެމް.އެމް.އޭ ގެ ގަވަރނަރ އަލީ ހާޝިމް
އެމް.އެމް.އޭ ގެ އިރުޝާދުތަކާއި ލަފާތަކަށް ސަރުކާރުތަކުން އަހަމިއްޔަތުކަން ދީފައިނެތް ކަމަށް މަރުކަޒީ ބޭންކްގެ ގަވަރނަރ އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ގަވަރނަރ އަލީ ހާޝިމް ވިދާޅުވީ ރާއްޖެއަށް އިގްތިޞާދީ ކާރިސާއެއް ކުރިމަތިވުމުގެ ކުރިން ސަރުކާރުތަކުން ބޭނުންވާ މައުލޫމާތާއި އިރުޝާދާއި އެހީ އެމްއެމްއޭއިން ފޯރުކޮށްދިން ކަމަށް އޭނާ އާއި އެމް.އެމް.އޭ އިންވެސް ޤަބޫލުކުރާ ކަމަށެވެ.

ނަމަވެސް ރާއްޖެ އިގުތިސާދީ ކާރިސާއަކަށް ދިޔަ ނުދިނުމަށްޓަކައި އެމް.އެމް.އޭ އާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން މާބޮޑު އިޖާބައެއް ދީފައި ނުވާކަމަށް ޢަލީ ޙާޝިމްގެ ސިޓީގައި ވެއެވެ.

އޭގެ އިތުރުން މި ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައިވެސް ދައުލަތުގެ ރަސްމީ ރިޒާވަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން އެކި މަރުހަލާގައި އެމްއެމްއޭގެ އިރުޝާދާއި ލަފާ ލިޔުމުން ސަރުކާރާއި މަޖިލީހަށް ދީފައިވާ ކަމަށާއި ފިނޭންސް މިނިސްޓްރީ އާއި މަޖިލީހާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން ތަކުގައިވެސް އެކަންކަން ހިއްސާކުރިކަން ގަވަރނަރ ވަނީ ފާހަގަކުރަށްވާފައެވެ.

"އިގްތިސާދަށް ނުރައްކާތަކެއް ހުރިކަމާއި އެ ނުރައްކާތަކުން އިގްތިސާދު ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ މި އޮތޯރިޓީން ހިއްސާ ކޮށްފައިވާކަން އެނގިލައްވާނެ." މާލިއްޔަތު ކޮމިޓީއަށް ގަވަރނަރ ފޮނުއްވި ސިޓީގައިވެއެވެ.

އަލީ ހާޝިމްގެ ސިޓީގައި ވަނީ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި މަރުކަޒީ ބޭންކުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަންވެސް އަރުވާފައެވެ.

އަލީ ޙާޝިމް މިމޭރުމުން ވިދާޅުވެފައިވާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމުން އަލީ ހާޝިމް ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިހާރުވަނީ ފަށާފައެވެ.

އެގޮތުން އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރުގެ މަސްއޫލިއްޔަތު އަލީ ހާޝިމް އަދާނުކުރަށްވާތީ މިވަގުތު އެ އޮތޯރިޓީއަަށް އާ ލީޑާޝިޕެއް ބޭނުންވާ ކަމަށް މަޖިލީހަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި ވެއެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމް.ޑީ.ޕީ ގެ ވެރިކަމުގައި 8 ސެޕްޓެމްބަރު 2019 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން