އިދިކޮޅު އެމް.ޑީ.ޕީ ގެ ޕީ.ޖީ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
އިދިކޮޅު އެމް.ޑީ.ޕީ ގެ ޕީ.ޖީ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ސައިބަރ ކްރައިމް ހުއްޓުވުމުގެ ބިލަށް ފުރިހަމައަށް ތާޢީދު ކުރަށްވާ ކަމަށް އިދިކޮޅު އެމް.ޑީ.ޕީ ގެ ޕީ.ޖީ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިލް ވިދާޅުވީ ސައިބަރ ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ 2015 ވަނަ އަހަރު ވުޖޫދު ވެފައިވާ ޤާނޫނެއް ކަމަށާއި އެދުވަސްވަރެއްގެ ޙާލަތާއި ގުޅިގެން ޤާނޫނަށް އިސްލާޙު ގެނައުމަކީ މިކަން ހިނގަންޖެހޭ ގޮތް ކަމަށެވެ.

އެއްވެސް ޤާނޫނަކީ ހަމަހުރެލާފައި ވުޖޫދުވާނެ ޤާނޫނެއް ނޫންކަން ފާހަގަ ކުރަށްވަމުން ނާޒިލް ވިދާޅުވީ އަބަދު ކުރީ ސަރުކާރު ކިޔާލަ ކިޔާލާ ތިބުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އަދި އެޓަރނީ ޖެނެރަލްގެ އޮފީހުންވެސް މި ޤާނޫނަށް ޒަމާނަށްފެތޭ އައު ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާތާ ދުވަސްތަކެއް ވެފައިވާކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ވަރަށް މުހިންމު އިސްލާހުތަކެއްކަމަށެވެ. ޚާއްސަކޮށް މިބިލުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

“ފުލުހުންގެ ފަރާތުން ވަރަށް ގިނަ ފަހަރު އަޑުއިވޭ މައުލޫމާތު ހޯދަން ބޭންކް މެދުވެރިކޮށްވިޔަސް އަދި އެންސީއައިޓީ މެދުވެރިކޮށްވިޔަސް އެ ބޭފުޅުންނަށް ގާނޫނީ އިމުގެ ތެރެއިން އެ ބާރު ލިބިފަ ނެތީމަ އެންމެ ފުރިހަމައަށް އެ މައުލޫމާތު ނުލިބޭކަމުގެ ވާހަކަ.” ނާޒިލް މިއަދު ވިދާޅުވެފައިވެއެވެ.

މިބިލަށް ތާޢީދު ކުރެއްވި ނަމަވެސް ރައްޔިތުންނަށް އެންމެ މަންފާވާނެ ގޮތަކަށް ކޮމިޓީ މަރުޙަލާގައި ބިލަށް ފަންނީ ބޭފުޅުންގެ ޚިޔާލާއެކު އިތުރު ބަދަލުތައް ގެނައުމަކީ ނުކުރަންވީ ކަމެއް ނޫންކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް އެމްޑީޕީން ތާޢީދު ކޮށްފައިވާއިރު އިލެކްޓްރޯނިކް އާލާތްތައް ހެކްކޮށްގެން އެކިކަހަލަ ސްކޭމް ހިންގާ މީހުންނާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް މި ޤާނޫނުގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން