އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ދަށްވެ އިރުއިރުކޮޅާ ކަރަންޓް ކެނޑޭ މައްސަލައިގައި މޭޔަރު ޢަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައި މައްސަލަ ހައްލުކުރަން ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތް ކުރިއަށް ގެންދަން ގޮވާލައްވައިފިއެވެ.

މޭޔަރު ނިޒާރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީއާއި ގުޅިފައިވާ ރަށްތަކުން ގަޑިއަކުން ގަޑިއަކުން ކަރަންޓް ކަނޑަމުން ދިޔުމުގެ ސަބަބުން އާންމު ފަރާތްތަކާއި ވިޔަފާރިވެރިންގެ މުދަލަށް ގެއްލުންލިބި ދިރިއުޅުމަށް ތުރާ ލިބެމުންދާކަމަށެވެ.

އެހެންކަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އައްޑޫގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުތަންފަށާފައިވާ މަސައްކަތްތައް މި ސަރުކާރުން އަލުން އަވަހަށް ފަށައި މިހާރު ތަހައްމަލު ކުރަމުންދާ ތުރާލުން ރައްޔިތުން ސަލާމަތް ކުރުމަށް ވެސް ނިޒާރު ވަނީ ގޮވާލައްވާފައެވެ.

އައްޑޫގެ ފެނާއި ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފައިވާތީ އެކަމުގެ ކަންބޮޑުވުން މޭޔަރު މީގެ ކުރިން ވެސް ވަނީ ފާޅުކުރައްވާފައެވެ. މި އަހަރުގެ މާޗް މަސް ތެރޭ ވެސް ފެނާއި ކަރަންޓު އެކަށީގެންވާވަރަށް ފޯރު ނުކޮށްދެވި އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވަމުން ނިޒާރު ވަނީ މިކަން ހައްލުނުވެ ދާންވެއްޖެނަމަ އައްޑޫ ރައްޔިތުން ކާރިސާގެ ހާލަތުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހިދާނެކަމަށެވެ. އަދި މި މައްސަލައަކީ ހަމައެކަނި ފެނަކައިގެ ކަމެއްކަމަށް ދެކިގެން އަޅާނުލާ ނުތިބުމަށް ވެސް އޭނާވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަކީ ދޭތެރެ ދޭތެރެއިން ދިމާވާ މައްސަލައެކެވެ. އެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރަމުންދާއިރު، ކުރީ ސަރުކާރުން އެކަމުގައި ހަރުދަނާ ފިވަޅުތަކެއް އެޅިނަމަ މިއަދު ގޮސްފައިވާ ހާލަތަށް ނުދާނެކަމަށް އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން