ވިޓަމިން ބީ12 ގައި ކޮބަލްޓު އެކުލެވޭތީ މިއަށް ކޮބަލަމިންވެސް ކިޔައި އުޅެއެވެ.
ވިޓަމިން ބީ12 ގައި ކޮބަލްޓު އެކުލެވޭތީ މިއަށް ކޮބަލަމިންވެސް ކިޔައި އުޅެއެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން އެންމެންވެސް ބޭނުންވާނެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވިޓަމިންއަކީ ހަށިގަނޑަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ވިޓަމިންގެ ތަފާތު އެކި ވައްތަރުތައް ހުންނައިރު ބީ ވިޓަމިންގެ ވެސް ތަފާތު 8 ވައްތަރެއް ހުރެއެވެ. އޭގެ ތެރެއިން ވިޓަމިން ބީ12 އަކީ ވަރަށް މުހިންމު ވިޓަމިނެކެވެ.

ވިޓަމިން ބީ12 އަކީ ފެނުގެ ތެރެއަށް ކުދިކުދިވާ ވިޓަމިނެކެވެ. މި ވިޓަމިނުގައި ކޮބަލްޓު އެކުލެވޭތީ މިއަށް ކޮބަލަމިންވެސް ކިޔައި އުޅެއެވެ. މި ވިޓަމިނަކީ ސިކުނޑިއާއި، ނާރުގެ ސެލްތަކާއި، ލޭގައި ހިމެނޭ ރެޑް ބްލަޑް ސެލްތަކާއި، އަދި މީހާގެ ޑީއެންއޭ ތަރައްގީވުމަށްޓަކައި ބޭނުންވާ ވިޓަމިނެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވިޓަމިން ބީ12 އަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ.

ދުޅަހެޔޮ ސިއްހަތަކަށް ވިޓަމިން ބީ12 ގެ ދައުރު:-

ރެޑް ބްލަޑް ސެލް އުފައްދައިދިނުން

ވިޓަމިން ބީ12 އަކީ ހަށިގަނޑުގައި ރެޑް ބްލަޑް ސެލް އުފައްދައި ދިނުމަށް މަސައްކަތްކުރާ ވިޓަމިނެކެވެ. ރެޑް ބްލަޑް ސެލްތަކަކީ އަޅުގަނޑުމެންގެ ހަށިގަނޑުގައި އޮކްސިޖެން އާއި ކާބޮންޑައޮކްސައިޑް ދައުރު ކުރުމަށް އެހީވެދޭ ސެލްތަކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް މި ސެލްތައް އުފެއްދޭނީ ވިޓަމިން ބީ12 ބޭނުން ކޮށްގެންނެވެ. މިއީ މެގަލޯބްލާސްޓިކް އެނީމިއާ ފަދަ ބަލިތަކުން ރައްކާތެރި ވުމުގެ ގޮތުން ވަރަށް ބޭނުންތެރި ވިޓަމިނެކެވެ.

ސިކުނޑިއާއި ނާރުތައް ދުޅަހެޔޮކޮށް ބެހެއްޓުން

ވިޓަމިން ބީ12 އަކީ ސިކުނޑީގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށާއި ނާރުގެ ސެލްތައް ދުޅަހެޔޮކޮށް ބެހެއްޓުމުގައި އެހީވެދޭ ވިޓަމިނެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ބީ12 ވިޓަމިން ނުލިބޭނަމަ ނާވަސް ސިސްޓަމް ނުވަތަ ނާރުތަކުގެ ނިޒާމުގެ މަސައްކަތްތަކަށް ބުރޫ އަރައި މީހާގެ ހަށިގަނޑަށް ދާއިމީ ގެއްލުންތައް ލިބުމަށް މެދުވެރިވެއެވެ.

ތުއްތު ކުދިން ހެދި ބޮޑުވުމުގައި އެހީވެދިނުން

ތުއްތު ކުދިންގެ ސިކުންޑިއަކީ ވަރަށްވެސް ހަލުވި މިނެއްގައި ހެދި ބޮޑުވަމުން އަންނަ ގުނަވަނެކެވެ. ސިކުނޑި ރަނގަޅަށް އުފެދުމުގައި ބީ12 ވިޓަމިން ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. ކުޑަ ކުދިންނަށް ބޭނުންވާ ވަރަށް ބީ12 ވިޓަމިން ނުލިބޭނަމަ އެކުދިން ހެދި ބޮޑުވުމަށް ހުރަސްތަކެއް އެޅިގެން ދެއެވެ. އަދި ބީ12 ނުލިބޭނަމަ ބައެއް ފަހަރު އެކުދިންގެ ސިކުނޑިއަށް ދާއިމީ ގެއްލުންތައް ލިބުމަށްވެސް މެދުވެރި ވެއެވެ.

އަޅުގަނޑުމެމްގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ބީ12 ނުލިބޭނަމަ ވިޓަމިން ބީ12 ޑެފިޝެންސީއަށް މަގުފަހިވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ބައެއް ހާލަތްތަކުގައި ބޮޑެތި ގެއްލުންތައް ލިބޭކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކައެވެ. ބްރިޓިޝް މެޑިކަލް ޖާނަލްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ބީ12 ވިޓަމިން މަދުވުމަކީ ވަރަށް އާންމު އަދި ސީރިއަސް ހާލަތެކެވެ. އަދި މިކަން ދެނެގަނެވޭނެ ގޮތްތައް މަދުވުމުގެ ސަބަބުން ފަރުވާ ދިނުން ލަސްވެ، ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.

ވިޓަމިން ބީ12 އަކީ އަޅުގަނޑުމެންނަށް ފަސޭހަކަމާއެކު ލިބެން ހުންނަ އެއްޗަކަށްވުމުން ކޮންމެ ދުވަހަކުވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް މި ވިޓަމިން ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ. ބޮޑެތި މީހުންނަށް ދުވާލެއްގެ މައްޗަށް ވިޓަމިން ބީ12 ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ވަރަކީ 2.4މައިކްރޯ ގްރާމެވެ. ނަމަވެސް މާބަނޑު މީހުން ބީ12 ވިޓަމިންގެ 2.6 މިލިގްރާމް ބޭނުންކުރަންޖެހޭއިރު ގާތުން ކިރުދޭ މައިން ކޮންމެ ދުވަހަކުވެސް 2.8 މިލިގްރާމް ބީ12 ވިޓަމިން ބޭނުން ކުރަން ޖެހެއެވެ.

އަޅުގަނޑުމެންގެ ހަށިގަނޑަށް އެންމެ ފަސޭހައިން ވިޓަމިން ބީ12 ލިބޭނީ ކެއުމުގައި މި ވިޓަމިން އެކުލެވޭ ބާވަތްތައް ހިމަނައިގެންނެވެ. ގުދުރަތީ ގޮތުން މި ވިޓަމިން އެކުލެވިގެންވާ ބައެއް ކާނާގެ ބާވަތްތަކުގެ ތެރޭގައި ކަނޑު މަހާއި، ގެރިމަހާއި އަދި ކިރުގެ ބާވަތްތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން