ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ހުށަހެޅުއްވި ބިލުގައިވަނީ، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުންނެވޭ ގޮތަށް ހަމަޖެއްސުމަށެވެ.

ހަމައެއާއެކު އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައި ދިނުމާއި ރަސްމީ ލިޔުންތައް ނުވަތަ ތައުލީމީ ސަނަދުތައް ބޭރު ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުންވެސް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހޭ ގޮތަށް އެ ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލްގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު މެންބަރު ޙުސައިން ޝަރީފް ވިދާޅުވީ ބާ ކައުންސިލުން ބަންޑާރަ ނައިބަށް ފުރުސަތު ނުދިނުމަށް އިސްލާޙު ހުށައެޅުއްވީ އެ ކައުންސިލަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި މިހާރު ތިއްބަވަނީ ނުވަ މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަ މެންބަރުންނެވެ.

ސަރުކާރުން މިހާރު ހުށައަޅާފައިވާ އިސްލާޙް މަޖިލީހުން ފާސްވެއްޖެނަމަ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ދެން ތިއްބަވާނީ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަތް މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން