ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ފަލާޙް
ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ފަލާޙް
ލިޔުމުން ޖަވާބު ނުލިބިގެން ނޫނީ މަޖިލީހުގެ ޖަލްސާތަކަށް ވަޒީރުން ހާޒިރުނުކުރަން ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ފަލާޙް މަޖިލީހުގެ ރައީސަށް ލަފާއަރުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ހާޒިރުވެެވަޑައިގެންނެވުމާ ގުޅިގެން ފަލާޙް ވިދާޅުވީ މަޖިލީހުގެ ޤަވާއިދު އިސްލާޙު ކުރަން ޖެހޭ ކަމަށް ދެކެލައްވާ ކަމަށެވެ.

އެގޮތުން ވަޒީރުން ކޮންމެ ދުވަހަކުވެސް ކުރަށްވަންޖެހޭ އެތައް މަސައްކަތެއް ހުންނައިރު މަޖިލީހަށް ވަޑައިގެން ވަގުތުތަކެއް ހޭދަ ކުރަށްވަން ޖެހުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމަށް ފަލާޙް ވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ދާއިރާއާ ބެހޭ ގޮތުން ސުވާލެއް ފޮނުވައިގެން ތިން ދުވަސް ތެރޭ ޖަވާބު ނުދީފިއްޔާ ނޫނިއްޔާ ވަޒީރު މަޖިލީހަށް ހާޒިރުކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރާއިރު ރަނގަޅު ކަމެއް ކަންނޭނގެ ބަލާލަން." ފަލާޙް ވިދާޅުވި އެވެ.

އޭގެ އިތުރުން ފަލާޙް މިއަދު ވަނީ ވަޒީރުންނާ ސުވާލުކުރުމަށް މަޖިލީހުގެ ޤަވާއިދުގެ ތެރެއިން މިހާރު ލިބިދީފައިވާ ފުރުސަތު ޒިންމާދާރު ކަމާއެކު ބޭނުން ކުރެއްވުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ގޮވާލައްވާފައެވެ.

ފަލާޙް މިގޮތަށް ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވަޒީރުންނާއި ސުވާލު ކުރެއްވުމަށް މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 45 ސިކުންތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ޢަބްދުالله މިއަދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ މެމްބަރަކަށް ވަޒީރަކާ ސުވާލުކުރެވޭނީ، އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް ލިޔުމުން ފޮނުވައި، އެ ނޯޓިސް ފޮނުވާތާ 14 ދުވަސް ފަހުން ބާއްވާ ޖަލްސާއެއްގައި ކަމަށެވެ. ހަމައެއާއެކު ލިޔުމުން ޖަވާބު ހޯދުމުގެ އިހުތިޔާރުވެސް މެމްބަރުންނަށް މަޖިލީހުގެ ގަވާއިދުގައި ލިބިދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން