މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަޤާމުން އަލީ ހާޝިމް ވަކިކުރަން ރައީސަށް ލަފާއަރުވަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އަލީ ހާޝިމް މަޤާމުން ވަކި ކުރެއްވުމަށް ހުށައެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ. އެގޮތުން އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރުގެ މަސްއޫލިއްޔަތު އަލީ ހާޝިމް އަދާނުކުރަށްވާތީ މިވަގުތު އެ އޮތޯރިޓީއަަށް އާ ލީޑާޝިޕެއް ބޭނުންވާ ކަމަށް މަޖިލީހަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި ވެއެވެ.

ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރަން ހުށަހަޅާފައި މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މާލިއްޔަތު ކޮމިޓީން އަލީ ޙާޝިމަށް އެރުވި ތިން ފުރުސަތުގައިވެސް އޭނާވަނީ މަޖިލީހަށް ޙާޟިރުވެ ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގެންފައެވެ.

އޭގެ ބަދަލުގައި އޭނާ ވަނީ ލިޔުމުން މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގެންފައެވެ.

މި މައްސަލައަށް ލިޔުމުން ފޮނުއްވާފައިވާ ޖަވާބުގައި އަލީ ޙާޝިމް ވިދާޅުވީ މި ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ދައުލަތުގެ ރަސްމީ ރިޒާވަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން އެކި މަރުހަލާގައި އެމްއެމްއޭގެ އިރުޝާދާއި ލަފާ ލިޔުމުން ސަރުކާރާއި މަޖިލީހަށް ދީފައިވާ ކަމަށާއި ފިނޭންސް މިނިސްޓްރީ އާއި މަޖިލީހާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން ތަކުގައިވެސް އެކަންކަން ހިއްސާކޮށްފައިވާނެ ކަމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މާލިއްޔަތު ކޮމިޓީގެ ނައިބު މުޤައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށައެޅުއްވީ މިއަދުން މިއަދަށް ގަވަރުނަރުގެ މަޤާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާ އެރުވުމަށް ފާސްކުރުމަށެވެ.

ކޮމިޓީގެ ރިޔާސަތުން އެގޮތަށް ވޯޓަށް އެހުމުން ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސް ޑރ.މުއިއްޒަށް ލަފާ އެރުވުމަށް ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނު ކޮށްފައިވަނީ މިދިޔަ އެމް.ޑީ.ޕީ ގެ ވެރިކަމުގައި 8 ސެޕްޓެމްބަރު 2019 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން