ފިލަން އުޅެނިކޮށް ކުޑަދޮރުން ވެއްޓި އަނިޔާވި މީހާއަށް މިހާރު ފަރުވާ ދެނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގައި މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާކަމަށް ފުލުހުން ބުނީ ހޯމަ ދުވަހުއެވެ.

އަނިޔާވެފައި ވަނީ މ. ދޯޅަނބުގެ، މުހައްމަދު އަޒްމީލް ޖަލީލު، 38އ އަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭރު ފުލުހުން ބުނެފައި ވަނީ، މިހާދިސާ ގައި ފުލުހުން ޢަމަލުކުރިގޮތާއިމެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާއި އާއިލާއިން ހިއްސާކޮށްފައިވާތީ އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން މިއަދު އާއްމުކުރި ނޫސްބަޔާނުގައި ފުލުހުން ބުނީ، ބަންދުގައި ބަހައްޓައިގެން އަޒްމީލް ޑްރަގް ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ފުލުހަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަޒްމީލް ހައްޔަރު ކުރުމަށްޓަކައި އޭނާ ދިރިއުޅޭ ގެއަށް ދިއުމުން، ތައްޔާރުވެލައިގެން އައުމަށް ވަގުތުކޮޅެއް ދޭން ބުނުމަށްފަހު، އެ ގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ނުކުމެ ފިލަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުނީ ކަމަށެވެ.

މި ހާދިސާގައި އޭނާގެ ބޯ ފަޅައިގެން ގޮސް، އިތުރު އަނިޔާތަކެއްވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، އަޒްމީލް އައިޖީއެމްއެޗަށް ގެންދިޔައީ، ފުލުހުންގެ ހިދުމަތުގެ މާލޭ ކަސްޓޯޑިއަލްއަށް ގެންގޮސް، އެތަނުގެ މެޑިކަލް އޮފިސަރުން ބެލުމަށްފަހުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން