ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނުވަތަ އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓު ކުރުމަށްޓަކައި "އިމިގްރޭޝަން ވޮޗް" ތަޢާރަފްކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފްކޮށްދެއްވީ މިއަދު އިމިގްރޭޝަނުން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ، ބިދޭސީން ހިންގާ ވިޔަފާރިތަކަށް ހާއްސަކޮށްގެން މިހާރު ފަށާފައިވާ އޮޕަރޭޝަންތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ގިނަ ބިދޭސީންނާއި ގުޅޭ މަޢުލޫމާތު ސޯޝަލް މީޑިއާ ފަދަ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިއްސާކުރަމުންދާ ކަމަށެވެ. އަދި "އިމިގްރޭޝަން ވޮޗް" ތަޢާރަފްކުރުމުގެ ސަބަބުން އެންމެންނަށް އެއް ޕްލެޓްފޯމެއްގެ ދަށުން މައްސަލަތައް ރިޕޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ.

މި ޚިދުމަތް ތަޢާރަފްކުރުމުގެ މަޤްސަދަކީ މުޖުތަމައުގެ ރައްކާތެރިކަން އިތުރުކޮށް، އިމިގްރޭޝަންގެ ގާނޫނުތައް ދެމެހެއްޓުމަށް އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރާ ބިދޭސީން ދެނެގަތުމާއި އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން ރިޕޯޓު ކުރުމުގައި މިހާރަށްވުރެ ލުއިފަސޭހަ ގޮތެއް ހޯދައިދިނުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ، "އިމިގްރޭޝަން ވޮޗް"ގެ ޒަރިއްޔާއިން ރިޕޯޓުކުރާ ފަރާތާއި ރިޕޯޓު ކުރާ މައްސަލައިގެ ސިއްރިއްޔާތު ދެމެހެއްޓޭނެ ކަމަށެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުން އެފަރާތުގެ މަޢުލޫމާތު ހާމަކުރަން ބޭނުންނުވާ ހާލަތެއްގައި އެގޮތަށް ވެސް ރިޕޯޓުކުރެވޭނެ ކަމަށެވެ.

ހަމައެއާއެކު، އާއްމުންނަށް މި ޕްލެޓްފޯމް މެދުވެރިކޮށް އަގުހުރި މައުލޫމާތުތަކެއް ހިއްސާކޮށްގެން ބޮޑެތި ކުށްތައް ހުއްޓުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އަދި މިގޮތަށް ދެވޭ ތަފްސީލީ މައުލޫމާތުގެ ސަބަބުން، ބޮޑެތި ކުށްކުރާ ފަރާތްތައް ދެނެގަނެ، މިފަދަ މައްސަލަތައް އަވަހަށް ބެލުމުގައި އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ، "އިމިގްރޭޝަން ވޮޗް" ގެ ޚިދުމަތް 24 ގަޑިއިރު އޮންލައިން ކޮށް އެ ވުޒާރާގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން