ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވާން އުޅުނު 1289 މަސައްކަތްތެރިން ހިފަހައްޓާފައިވާނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިން ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވާން މަސައްކަތް ކުރާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މަސައްކަތްތެރިން ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

އޭގެ އިތުރުން، ވޯކް ވިސާ ފޯޖް ކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި 22 ގައުމެއްގެ 341 މީހުންވެސް ހުއްޓުވާފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ. އޭގެތެރެއިންވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުންކަން ޝިފާން ފާހަގަ ކުރެއްވިއެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން 1664 ބިދޭސީން ރާއްޖެ އެތެރެވާން މަސައްކަތް ކުރިއިރު، ނަކަލު ކޮށްފައިވާ ލިޔެކިޔުން ބޭނުންކޮށްގެން އެތެރެވާން އުޅުނު 33 މީހުންނާއި ޝަހުސު އޮޅުވާލައިގެން އެތެރެވާން މަސައްކަތްކުރި ބިދޭސީއަކު ހިފަހައްޓާފައިވެއެވެ.

ބިދޭސީންނާ ގުޅޭ މައްސަލަތައް ހިއްސާކުރަމުން އިމިގްރޭޝަނުން ބުނީ، ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން އުޅުނު ބިދޭސީއެއް ހިންގި ހަށިވިއްކުމުގެ ނެޓްވޯކެއް ހުއްޓުވައި، އެ ބިދޭސީ މީހާ ޑީޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ އިތުރު ބިދޭސީންތަކެއްވެސް ޑީޕޯޓް ކޮށްފައި ވާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން