މާލޭ ދާއިރާގެ އެމްޑީޕީ ރައީސް ކަމަށް ހޮވައިދީފިނަމަ މުޅި ރާއްޖެއިންވެސް އެންމެ ވަރުގަދަ އެމްޑީޕީގެ ދާއިރާއަކީ މާލެއަށް ހަދައިދޭނެ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާލޭ ދާއިރާގެ ރައީސްކަމަށް ކުރިމަތި ލެއްވުމަށްފަހު އާއްމު ކުރެއްވި ކެމްޕެއިން ވީޑިއޯއެއްގައެވެ.

އާޒިމް ވިދާޅުވީ، އެ މަގާމަށް އޭނާ ހޮއްވަވައިދެއްވައިފިނަމަ އެމްޑީޕީ މެމްބަރުން ފަޚުރުވެރިވާ ފަދަ މަސައްކަތެއް ކޮށްދޭނެ ކަމަށެވެ. އެގޮތުން، އެންމެންނާ އެއްކޮށް މަސައްކަތް ކޮށް، މެމްބަރޝިޕް އިތުރު ކޮށްދޭނެ ކަމަށާއި އަދި މާލެ ސިޓީ ދާއިރާއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެމްޑީޕީގެ ދާއިރާއަށް ހަދައިދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، މިހާތަނަށް ހަވާލުވި ކޮންމެ ކަމެއް ވާނީ، ހަވާލުވި އިރަށް ވުރެ ވަރުގަދަ ތަނަކަށް ހަދައިދީފައި ކަމަށް ޓްރެކް ރިކޯޑުން ދައްކާނެ ކަމަށެވެ.

މަގާމަށް ހޮވައިދީފިނަމަ އެމްޑީޕީއަށް ކުރިމަގު ހޯދައިދިނުނަށްޓަކައި ތަޖުރިބާ ބޭނުންކޮށްގެން ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭ ދާއިރާގެ އެމްޑީޕީ ރައީސް ކަމަށް ވާދަކުރައްވަނީ މާލޭގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ މާފަންނު ހުޅަނގު ދާއިރާގެ މަޖިިލިސް މެމްބަރު މުހައްމަދު ފަލާހުއެވެ.

ރާއްޖޭގެ މިހާރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީން ބުނީ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓު މަހުގެ ދެވަނަ ދުވަހުގައި ކަމަށެވެ.

ދާއިރާތަކުގެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިފައިމިވަނީ، ދާއިރާތަކަށް އިލެކްޝަންސް ކޮމިޝަނުން ގެނެސްފައިވާ ބަދަލުތަކާއި އަދި އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއަށް ގިނަ އަދަދެއްގެ މެންބަރުން ގޮސްފައިވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން