އެމް.އެމް.އޭގެ ގަވަރުނަރު އަލީ ހާޝިމް
އެމް.އެމް.އޭގެ ގަވަރުނަރު އަލީ ހާޝިމް
އެމް.އެމް.އޭގެ ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ގަވަރނަރ އަލީ ހާޝިމް މަޤާމުން ވަކިކުރުމަށް ފާސްކޮށްފައިވަނީ އެކަމަށްޓަކައި މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި 63 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.

ހާޝިމް ވަކިކުރުމަށް މަޖިލީހަށް ހުށައަޅާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މާލީ ކަންކަމުގައި ގަވަރުނަރު ލަފާ ނުދެއްވާކަމަށް ބުނެ މަޖިލީހަށް ވެއްދި މައްސަލާގައި މާލިއްޔަތު ކޮމެޓީގައި މެންބަރުން ބަހުސް ކުރެއްވުމަށްފަހުއެވެ.

އަދި މިއަދު މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ ބަހުސްގައިވެސް ޕީއެންސީގެ މެންބަރުންވަނީ ގަވަރުނަރު ވަކިކުރުމަށް ތާޢީދު ކުރަށްވައި ވާހަކަފުޅު ދައްކަވާފައެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަޖިލީހަށް ހުށަހެޅުއްވި މި މައްސަލާގައި ބުނެފައިވަނީ ގައުމުގެ އިގުތިސާދު ހީނަރުވެގެން ދިޔައިރު މަނިޓަރީ ޕޮލިސީ އެންމެ އެކަށީގެންވާ ގޮތުގައި ހިންގިފައި ނެތްކަމަށާއި މިހާލަތަށް ވެއްޓުނު އިރުވެސް އެމްއެމްއޭގެ ގާނޫނުގައި ބުނެފައިވާ މަގުސަދުތައް ހާސިލު ކުރެވިފައި ނުވާކަމަށެވެ.

މި މައްސަލާގައި ޖަވާބުދާރީ ވުމަށް ކޮމެޓީ މަރުހަލާގައި ހާޝިމަށް ވަނީ ދެ ފަހަރެއްގެ މަތިން ފުރުސަތު ދީފައެވެ. ނަމަވެސް, އާލާސްކަންފުޅާ އުޅުއްވާތީކަމަށް ވިދާޅުވެ އޭނާ މަޖިލީހަށް ހާޒިރުވެފައިނުވެއެވެ. އެހެންކަމުން އެއީ މަޖިލީހަށް “ފިލުން” ކަމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެޓީއަށް ހާޒިރުވެވަޑައިނުގެންނެވި ނަމަވެސް ހާޝިމް ވަނީ ރިޕޯޓެއްގެ ސިފައިގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރު ދެއްވަމުން ގެންދެވި އެއްވެސް ލަފައަކަށް ސަރުކާރުތަކުން އަމަލު ކޮށްފައި ނުވާކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނު ކޮށްފައިވަނީ މިދިޔަ އެމް.ޑީ.ޕީ ގެ ވެރިކަމުގައި 8 ސެޕްޓެމްބަރު 2019 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން