ސްކޫލުތަކުގެ ޓާމް ބަންދުތަކުގައި މުދައްރިސުން ސްކޫލަށް ނުނެރެން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި އިންޓާނަލް މެމޯގައި ބުނެފައި ވަނީ، ދިރާސީ އަހަރުގެ ފުރަތަމަ ޓާމާއި ދެވަނަ ޓާމް އަދި މިޑް ޓާމް ބްރޭކްގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.

އޭގެ އިތުރުން، ހުކުރު ދުވަހު ސްކޫލުތަކުގެ ޙަރަކާތްތައް ނުބޭއްވުމަށާއި، މުދައްރިސުން މަސައްކަތްކުރަން ނުނެރުމަށް އަނެއްކާވެސް ސްކޫލުތަކަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ.

މިނިސްޓްރީއިން މިއަދު ސްކޫލުތަކަށް ފޮނުވި މެމޯގައި ވާގޮތުން ޚާއްޞަ ޙާލަތްތަކުގައި ހުކުރު ދުވަހު ޙަރަކާތެއް ބާއްވަން ޖެހިއްޖެ ނަމަ، މުދައްރިސުން އެ ޙަރަކާތަކަށް ނެރެންވާނީ މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުން އެކަމަށް ލިޔުމުން ހުއްދަ ހޯދުމަށް ފަހުގައެވެ.

މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ހުކުރު ދުވަހު މުދައްރިސުން މަސައްކަތަށް ނުނެރުމަށް މީގެ ކުރިން ވެސް ސްކޫލުތަކުގެ ވެރީންނަށް މިނިސްޓްރީއިން އިރުޝާދު ދީފައި ވާނެ ކަމަށާއި އެހެން ނަމަވެސް ބައެއް ސްކޫލުތަކުން މި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރަމުން ނުދާކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ދާއިރާގައި ތިއްބެވި ޚިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް މި ދިރާސީ އަހަރު މިނިސްޓްރީއިން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެތެރޭގައި ބެލެނިވެރީންނާ މުދައްރިސުން މުޢާމަލާތުކުރުމަށް ސްކޫލުތަކުން ބޭނުންކުރާ ވައިބަރ ގްރޫޕްތައް ވަކި ނިޒާމެއްގެ ތެރެއިން މަދުކުރުމާއި، ތަރުތީބެއް ނެތި ސްކޫލުތަކުގައި ހިންގާ އިތުރު ޙަރަކާތްތައް މަދުކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ފާހަގަ ކުރިއެވެ.

އެގޮތުން ވަކި ވަކި ކްލާސްތަކަށް ޚާއްޞަ ވައިބާ ގްރޫޕް ބޭނުންކުރުމުގެ ބަދަލުގައި ވަކިވަކި ކީ-ސްޓޭޖްތަކަށް ނުވަތަ ގްރޭޑް ތަކަށް ޚާއްޞަ ކޮމިޔުނިޓީ ވައިބާ ގްރޫޕް ހެދުމަށާއި، އެ ގްރޫޕް މެދުވެރިކޮށް މެސެޖު ކުރެވޭނެ އެންމެ ލަސްގަޑިއަކީ ސްކޫލުގެ ކިޔަވައިދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށްވުރެ ލަސް ގަޑިއަކަށް ނުހެއްދެވުމަށް، މިދިޔަ ޖޫން މަހުގެ ތެރޭގައި މިނިސްޓްރީއިން ވަނީ ސަރކިޔުލަރ އެއް މެދުވެރިކޮށް ސްކޫލުތަކަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން