ރާއްޖެއިން ލިބޭ ބޭހުގެ ފެންވަރު ރަނގަޅު ކުރުމަށް، ބޭހުގެ ބަލްކް ޕްރޮކިއުމެންޓް ސިޔާސަތު ތަންފީޒު ކުރަން ފަށައިފިއެވެ.

ސިއްހީ ވުޒާރާ، ފިނޭންސް މިނިސްޓްރީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އާސަންދަ ކޮމްޕެނީ އަދި އެސްޓީއޯ ގުޅިގެން އާއްމުކުރި ނޫސްބަޔާނެއްގައި ބުނީ، ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ސިޔާސީ ވައުދުފުޅެއް ކަމަށެވެ.

އެގޮތުން، ސަރުކާރުން ޔޫއެންޑީޕީއާއި ގުޅިގެން، އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް، ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން، ބަލްކް ޕްރޮކިޔޮކޮށް ރާއްޖެ ގެނައުމަށް ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން، އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބެން ހުންނާނެކަން ކަށަވަރު ކުރާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

"މި ޕްރޮޖެކްޓުގެ ދަށުން ގެނެވޭ ބޭސްތަކަކީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެ، ބޭސް އުފެއްދުމާ ހަމައިން ފެށިގެން ބަލި މީހާ އާއި ހަމައަށް ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭސްތަކެއް." އެ ނޫސްބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ނޫސްބަޔާނުގައި ބުނީ، މި ސިޔާސަތުގެ ދަށުން ރާއްޖެ އެތެރެ ކުރުމަށް ހުއްދަ ދެވިފައި ވާނީ، އަދި ކުރިއަށް އޮތް ތަނުގައި ހުއްދަ ދެވޭނީ ޑަބްލިޔުއެޗްއޯ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓް ރެގިއުލޭޓަރީ އޮތޯރިޓީއެއްގައި ރަޖިސްޓްރީ ކޮށްފައި ވުމާއެކު ޔޫއެންޑީޕީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ކޮލިޓީ މިންގަނޑުން ފާސްވެފައިވާ އުފެއްދުންތަކަށް ކަމަށެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި މި ސިޔާސަތުގެ ދަށުން ގެނެވި، ބޭނުންކުރެވޭނީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ދީފައިވާ ބޭސް އެކަނި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހެލްތް މިނިސްޓްރީން ބުނީ، މި ސިޔާސަތު ތަންފީޒު ކުރެވޭނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށާއި، އެގޮތުން މިއަދުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް ފުރަތަމަ ތައާރަފް ކުރެވޭ ހަތް ބޭސް ލިބެން ފަށާނެ ކަމަށެވެ. އަދި އާސަންދަ ނިޒާމު ހިމެނޭހެން، ގުޅުންހުރި ހުރިހާ ނިޒާމު ތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަށާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ސިޔާސަތު ތަންފީޒު ކުރަން ފެށުމާއެކު ދެމެހެެއްޓެނިވި ގޮތެއްގައި އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށާއި، މިހާރެކޭވެސް އެއްގޮތަށް މި ބޭސްތަކަށް އާސަންދަ ނިޒާމުގެ ތެރެއިން ފުލް ކަވަރޭޖް ލިބޭނެ ކަމަށް ސަރުކާރުުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން