ފޮޓޯ: އެޗްޕީއޭ
ފޮޓޯ: އެޗްޕީއޭ
ޔޫރަޕްގެ ގައުމުތަކުގައި އުފައްދާ ކޮލިޓީ ބޭސް ރާއްޖެއިން ލިބޭނެ އިންތިޒާމު މި ސަރުކާރުން ހަމަޖައްސާފައިވާކަމަށް ސަރުކާރުން ބުނެފައިވާއިރު، އެކަމަކީ ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމެއްކަމަށް ވިދާޅުވެ އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެކަން ދޮގުކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީއާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި އާސަންދައިގެ އިތުރުން އެސްޓީއޯއިން މިއަދު ނެރެފައިވާ ގުޅިފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފެންވަރު ރަނގަޅު ބޭސް ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށެވެ.

އެހެންކަމުން އެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ގެނައުމަށް ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން، އެއްފަހަރާ ގިނަ އަދަދެއްގެ ބޭސް ރާއްޖެ ގެނައުމަށް އެސްޓީއޯއާއި ޔޫއެންޑީޕީއާ ހަވާލުކޮށް، ބޭހުގެ ފުރަތަމަ ޝިޕްމަންޓް މިއަދުން ފެށިގެން ލިބެން ހުންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އިބްރާހީމް އަމީރު މިއަދު އެކްސްގައި ވިދާޅުވީ، ޔޫއެންޑީޕީއާ އެކު ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ބޭސް ގަންނަން ސޮއި ކުރީ ކުރީ ސަރުކާރުގެ ދުވަސްވަރު، މިދިޔަ އަހަރުގެ ޖޫން އެއްވަނަ ދުވަހު ކަމަށާއި މީގެ ސަބަބުން ކޮލިޓީ ބޭސް ލިބުމުގެ އިތުރުން, ބޭހަށް ކުރެވޭ ހަރަދު ވެސް އެތައް ގުނައަކުން ކުޑަވެގެންދާނެ ކަމަށެވެ.

އަދި އެ ހަގީގަތް އޮޅޭގޮތަށް ހަބަރު ގެނެސްނުދިނުމަށް އެދެމުން އަމީރު ވިދާޅުވީ މި ސަރުކާރަކީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ސަރުކާރެއްކަން އެންމެނަށްވެސް އެނގޭކަމަށެވެ.

އަމީރު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ އޭރު ސަރުކާރުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރި ފޮޓޯއަކާއި އޭރު ހަބަރުތަކުގައި އެވާހަކަ ޝާއިއުކޮށްފައިވާ ބައެއް ލިންކުތައް ވެސް ހިމަނައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން