ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކަށް އަމަލުނުކުރުމުގެ ސަބަބުން ރައީސް އޮފީހާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ޖިނާއީ ކުށެއް ހިމެނޭތޯ ބަލައިދިނުމަށް އެދި ޕީޖީން ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ރައީސް އޮފީހުގެ މައްސަލައެއް ތަހުޤީޤު ކޮށްދިނުމަށްއެދި ފުލުހުންނަށް ހުށައަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސްވަނީ ޕީޖީ މަޤާމުން ވަކިކުރަން ޖެހިދާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

އައިކޮމްއިން ރައީސް އޮފީހާ ދެކޮޅަށް ޕީޖީ އޮފީހަށް އިއްޔެ މައްސަލަ ހުށަހަޅާފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ރައީސް އޮފީހުން ޖަވާބުދާރީ ނުވާތީ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދައުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަހުގީގުކުރެވިފައި އޮންނަންވާނެ ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބަލައި ގާނޫނުގައިވާ ގޮތުގެ މަތިން ތަހުގީގުގެ ހޯދުންތަކާއެކު އަނބުރާ ޕީޖީއަށް ފޮނުވަން ފުލުހުންގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެ މައްސަލާގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމާނީ ފުލުހުންގެ ތަހުޤީޤަށްފަހު އެކަމުގައި އަމަލުކުރަންޖެހޭ ގާނޫނީ އިޖުރާއަތުތަކުގެ ތެރެއިން ކަމަށާއި ފުލުހުންގެ ތަހުޤީޤު ކުރިއަށްދާގޮތް ޕީޖީ އޮފީހުން ގާތުން ބަލަމުންދާނެ ކަމަށްވެސް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލުނުކޮށް 45 ދުވަސް ފާއިތުވެއްޖެނަމަ، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅޭނެއެވެ.

އެގޮތުން އައި.ކޮމް. އޮފީހުން ރައީސް އޮފީހާ ދެކޮޅަށް ދައުވާ ކުރަން އެދިފައިވަނީ ކޮވިޑް ވެކްސިންތަކަކާ ގުޅޭ މައުލޫމާތު ހޯދުމަށް އެދުމުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުދިނުމުގެ މައްސަލައެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން