ރ. އުނގޫފާރުގައި އުމުރުން 18 އަހަރުގެ ކުއްޖަކު ކަރަންޓް ޖެހުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށް ކަނޑައަޅައި، އެ ކުންފުނި 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނިންމައިފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާއާއި ގުޅިގެން ފެނަކަ އާއި އުނގޫފާރު ކައުންސިލުން މައުލޫމާތު ސާފުކޮށް، ކުރި ތަހުގީގުން އެނގުނީ މި ހާދިސާ ހިނގަން މެދުވެރިވީ، މަގު ބައްތިތަކުގައި ހުންނަން ޖެހޭ ބައެއް ސަލާމަތީ ވަސީލަތްތައް ނެތް މަގު ބައްތިއަކަށް ފެނަކައިން ކަރަންޓު ދީފައިވުމުންކަމަށެވެ.

އެގޮތުން އެ ބައްތީގައި އާތު ލީކް ސާކިޓް ބްރޭކް (އީއެލްސީބީ) އާއި މިނިއޭޗާ ސާކިޓް ބްރޭކަރު (އެމްސީބީ) ހަރުކޮށްފައި ނުވާކަމަށާއި ފެނަކައިން ހިދުމަތްދޭ ވަރަށް ގިނަ ރަށްރަށުގައި މަގުބައްތިތައް ހުރީ އީއެލްސީބީ ހަރުކޮށްފައި ނޫންކަމަށެވެ.

ބަޔާނުގައި ބުނީ އެ ރަށު މަގުބައްތިތަކަށް ކަރަންޓު ދިނުމުގައި ހުންނަން ޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިހުމާލުވުން އޮތްކަމަށް އޮތޯރިޓީން ދެކޭ ކަމަށާއި އެހެންކަމުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން 50،000 ރުފިޔާއިން އެ ކުންފުނި ޖޫރިމަނާ ކުރަން ނިންމާފައިވާކަމަށެވެ.

އަދި އެ ފައިސާ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދެއްކުމަށް މިހާރު އަންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރަށްރަށުގައި އެގޮތަށްހުރި މަގުބައްތިތަކުގެ މައްސަލަތައް ބަލައި މިންގަނޑަށް ނުފެތޭނަމަ 1 މަސް ދުވަހުގެ ތެރޭގައި އެކަން އިސްލާހު ކުރުމަށް އެންގުމަށާއި އެކަން ފުރިހަމަ ނުކުރާނަމަ މަގުބައްތިތަކުން ކަރަންޓް ކަނޑާލުމަށް ވެސް ވަނީ އެދިފައެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ފެނަކައިގެ ފަރާތުން މިހާރު ވެސް ދަނީ ކަރަންޓުގެ ހިދުމަތް ދިނުމުގައި ހުރި އެފަދަ މައްސަލަތައް ހައްލު ކުރުމަށް ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން