ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުފުޅެއްގެ ހަރަދުތަކުގެ ތަފުސީލު ރައީސް އޮފީހުން ދީފައި ނުވާތީ އެ ތަފުސީލުތައް އެދުނު ފަރާތަށް ދިނުމަށް ބަންޑާރަނައިބުގެ އޮފީހުން ރައީސް އޮފީހަށް ލަފާ އަރުވައިފިއެވެ.

ރައީސް ޞާލީހް ކުރެއްވި ދަތުރުފުޅެއްގެ ހަރަދުތަކުގެ ރަސީދުތައް ހޯދުމަށް އަމިއްލަ ފަރާތަކުން މިދިޔަ އަހަރު ވަނީ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާފައެވެ. އެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވަނީ އެ މައުލޫމާތު ރަސީދުތަކާއެކު އެފަރާތަށް ފޯރުކޮށްދޭންވާނެ ކަމަށެވެ.

ނަމަވެސް، ރައީސް އޮފީހުން އޭނާއަށް މައުލޫމާތުތައް ފޯރުކޮށްދިންއިރު ހަރަދުތަކުގެ ރަސީދުތަކެއް ދުލެއް ނުކުރެއެވެ. އަދި ރައީސް އޮފީހުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ބުނެފައިވަނީ ރަސީދުތަކާއެކު ހުރިހާ މައުލޫމާތެއް ދޭންވާނެކަމަށެވެ.

ދެން މިދިޔައަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސް އޮފީހުން އެ މައްސަލަ ވެއްދީ ސުޕްރީމް ކޯޓަށެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން ބައްލަވަމުންގެންދަވާ އެ މައްސަލަ އަނބުރާ ގެންނަން ނިންމަވާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އަދި އެ ނިންމުމާ އެއްގޮތަށް މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލްކޮށްދެއްވުން އެދި ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި ބަންޑާރަނައިބުގެ އޮފީހުން ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތުގެމަތިން، އެ މައުލޫމާތުތައް އެދުނު ފަރާތަށް ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާއަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން