ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ވިހިވަނަ ރައްޔިތުންގެ މަޖިލިސްގެ ހިންގާ ގަވައިދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިޤަވައިދު ފާސްކޮށްފައިވަނީ 64 މެމްބަރުންގެ ވޯޓާއެކުއެވެ.

މިއަދު ފާސްކުރި މަޖިލީހުގެ ހިންގާ ޤަވާއިދުގެ 18 ވަނަ މާއްދާގައި މެންބަރުން ސުލޫކީ މިންގަނޑުތަކާއި ހިލާފުވެއްޖެނަމަ އަޅާނެ އާ ފިޔަވަޅުތަކެއް ވަނީ ހިމަނާފަ އެވެ.

އެގޮތުން އެކަމާ ގުޅޭ ގޮތުން ރަސްމީ ލިޔުމެއް އެމެންބަރަށް ފޮނުވައި އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށް ފޮނުވުމާއި އެކަން ކުށްވެރިކޮށް މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާނުކޮށް އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން ހިމަނާފައިވެއެވެ.

އޭގެއިތުރުން ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމެޓީތަކުގެ ބައްދަލުވުމުގައި ބައިވެރި ނުވެވޭގޮތަށް ހެދުމާއި މަޖިލީހުގެ ރަސްމީ ދަތުރުތަކާއި އެކިކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް ހިފެހެއްޓުމާއި މެންބަރަކު މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފި ނަމަ، އެދިން ގެއްލުމުގެ ބަދަލު އެ މެންބަރުންގެ މުސާރައިން އުނިކުރުމަށް ހިމަނާފައިވެއެވެ.

ނަމަވެސް މަޖިލީހުން ސުލޫކީ ފިޔަވަޅު އަޅާފައިވާ މެންބަރުންނަށްވެސް ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަތަކާއި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިކުުރުމުގެ މައްސަލަތަކުގައާއި ދައުލަތުގެ ބަޖެޓު ފާސްކުރުމުގެ މައްސަލާގައި ބައިވެރިވެ ވޯޓު ދެވޭނެއެވެ.

މިއަދު ފާސްކުރި މަޖިލީހުގެ އައު ޤަވާއިދުގައި ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރާއިރު، މަޖިލީހުން ޢަމަލުކުރަން ޖެހޭ މަރުހަލާތަކުގެ ވަގުތުތަކަށާއި މުއްދަތުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

މި މަޖިލީހުގައި މީގެކުރިން ޢަމަލުކުރަމުން ގޮސްފައިވަނީ 19 ވަނަ މަޖިލީހުގެ ހިންގާ ޤަވާއިދަށެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވައިދެއް އެކުލަވާލެވެންދެން 19 ވަނަ މަޖިލީހުގެ ގަވައިދަށް ޢަމަލުކުރުމަށް ފާސްކޮށްފައިވަނީ 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން