ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ
ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އަޑިއަޅާލާފައިވަނީ އެމް.އެމް.އޭ އާއި ގަވަރުނަރުގެ މައްސަލައަކުން ނޫންކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމް.ޑީ.ޕީ.ގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޣަފޫރު ވިދާޅުވީ ދިމާވެގެން މިއުޅެނީ އިޤްތިޞާދު މެނޭޖްކުރަން ނޭނގުމުގެ މައްސަލައެއް ކަމަށާއި އެކަމުގައި އެމް.އެމް.އޭ އާއި ގަވަރުނަރުގެ މައްސަލައެއް ނެތްކަމަށެވެ.

އެމް.އެމް.އޭ ހިނގަމުންދަނީ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތަށް ކަމަށާއި އެއިދާރާއިން ޤާނޫނާ އެއްގޮތަށް ހުރިހާ ސަރުކާރުތަކަށްވެސް އެއްބާރުލުން ދެމުން ގެންގޮސްފައިވާކަން ޣަފޫރު ފާހަގަކުރެއްވިއެވެ. އެގޮތުން ޝޯޓް ޓަރމް ލޯނު ދިނުންފަދަ ކަންކަމުގައި ގަވަރުނަރު މިސަރުކާރަށް އެއްބާލުން ދެއްވާފައިވާކަމަށް ޣަފޫރު ވިދާޅުވިއެވެ.

ސަރުކާރުން އައު ގަވަރުނަރެއް އައްޔަނުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރަށްވަމުން ޣަފޫރު ވިދާޅުވީ މިއީ އެމަސައްކަތް ކުރުމަށް އެންމެ މުނާސަބު ވަގުތު ނޫން ކަމަށާއި އެކަން އެގޮތަށް ކޮށްގެން މިދަނޑިވަޅުގައި ދަޢުލަތަށް ލިބޭ ގެއްލުން އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ.

“މަނިޓަރީ ޕޮލިސީ އާއި ފިސްކަލް ޕޮލިސީ ދިމާގެން އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލްވާނީ. ކަންކަން ކުރުމުގެ ނިޔަތް ރަނގަޅު ކުރަންވީ. އޭރުން ނަތީޖާ ނެރެވޭނީ.” މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު މިއަދު ވިދާޅުވީ އަންދާސާ ކޮށްފައިވާ މިންވަރަށް ދަޢުލަތަށް ޢާމްދަނީ ވަންނަމުންދާ ކަމަށާއި ނަމަވެސް ދަޢުލަތުގެ ޕޭރޯލް އެއްބިލިއަނުން މައްޗަށް އަރާފައިވުމަކީ ވިސްނާލުން ރަނގަޅު ކަމެއް ކަމަށެވެ.

އެހެންކަމުން މިއީ ކުރީ ސަރުކާރުގެ ބޮލަށް ކަނޑާލައިގެން ޙައްލު ކުރެވެން އޮތް ކަމެއް ނޫން ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

“ވެރިކަން ބަދަލުވެގެން ދިޔައިރު ރާއްޖޭގެ އިޤްތިޞާދު އޮންނާނީ ވަރަށް ރަނގަޅަށް. ކުރެވޭ ކަންތައްތަކެއްގެ ސަބަބުން އިޤްތިޞާދަށް ލިބޭ ހީނަރުކަމަކީ އެކަމުގެ ޒިންމާ މިސަރުކާރުން އުފުލަންޖެހޭނެ ކަމެއް.” ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު މިމޭރުމުން ވިދާޅުވެފައިވާއިރު މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ. މުޢިއްޒު ވަނީ އެމްއެމްއޭގެ ގަވަރުނަރު މަޤާމުން ވަކި ކުރަށްވާފައެވެ. އަދި އެ މަޤާމަށް ކުރީގެ މާޅީ ވަޒީރު އަޙްމަދު މުނައްވަރު އައްޔަނު ކުރުމަށް ސަރުކާރުން މިހާރުވަނީ މަޖިލީހަށް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން