ވައިރަލް ދުބާއީ ޗޮކްލެޓު- ގޫގުލް ޕޮޓޯސް
ވައިރަލް ދުބާއީ ޗޮކްލެޓު- ގޫގުލް ޕޮޓޯސް
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި މިހާރު މަގުބޫލު ވަމުން އަންނަ ދުބާއީ ޗޮކްލެޓް ބާ ގެ އަޑު އެހިން ހެއްޔެވެ؟ ޓިކްޓޮކްގައި ވައިރަލްވެފައިވާ މި ދުބާއީގެ ޗޮކްލެޓް ބާ އަކީ ވަރަށް ގިނަ މީހުންގެ މެދުގައި މަގުބޫލު އެއްޗަކަށް މިހާރު މިވަނީ ވެފައެވެ. އަދި އެ ޗޮކްލެޓު ގެ ރިވިއު ދީފައިވާ ހުރިހާ ފަރާތްތަކުންވެސް ދަނީ އޭގެ ރަހަމީރު ކަމުގެ ވާހަކަ އެމީހުންގެ މީސްމީޑިއާ އެކައުންޓު ތަކުގައި ހިއްސާ ކުރަމުންނެވެ.

މިއީ ވަރަށް ތަފާތު ގޮތަކަށް ހަދާފައިވާ ޗޮކްލެޓެކެވެ. މި ޗޮކްލެޓް ހެދުމަށް މުރަނަ ކޮށްފައި ހުންނަ ކަޓައިފީ އާއި، ޕިސްޓާޗިއޯ ކްރީމް އެއްކޮށްލައިގެން ހަދާ ފިލިން އެއް ބޭނުން ކުރެއެވެ. ޗޮކްލެޓް މެދުން ބިންދާލުމުން އެ ފިލިން ފެންނަން ހުންނަ އިރު ފެންނަ ފެނުމަށް މިއީ ވަރަށް މީރުވާނެ ޗޮކްލެޓެކެވެ. އަދި މިއީ ގޭގައިވެސް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ޗޮކްލެޓެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައިވެސް މި ޗޮކްލެޓަށް މިވަނީ ވަރަށް މަގުބޫލުކަމެއް ލިބިފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ މި ޗޮކްލެޓު ގޭގައި ތައްޔާރު ކުރާ ވީޑިއޯތައްވެސް މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ. ދުބާއީ އަށް ނުގޮސްވެސް މި ޗޮކްލެޓު ކާލަން ބޭނުންވާ ފަރާތްތަކަށް އޮތް ހައްލަކީ މިއީއެވެ.

ދުބާއީ ޗޮކްލެޓް ބާ ތައްޔާރު ކުރާނެ ގޮތް:

ބޭނުންވާ ތަކެތި:

މި ޗޮކްލެޓް ތައްޔާރު ކުރުމަށް ބޭނުންވާނީ ކަޓައިފީ، ޕިސްޓާޗިއޯ ކްރީމް، ބަޓަރު، އަދި ކުކިން ޗޮކްލެޓް އެވެ.

ތައްޔާރު ކުރާނެ ގޮތް:

⁃ މަޑު ގިނީގައި ބަޓަރު ކޮޅު ވިރުވާލުމަށްފަހު އޭގެ ތެރެއަށް ކަޓައިފީ އަޅާފައި ރަނގަޅަށް މުރަނަ ވަންދެން ކައްކާށެވެ. އަދި ރަނގަޅަށް މުރަނަ ވުމުން ހިހޫ ވަންދެން ބަހައްޓާށެވެ.

⁃ އެއަށްފަހު ކުކިން ޗޮކްލެޓް ވިރުވާލާށެވެ. އެމީހަކު ބޭނުން ވައްތަރެއްގެ ކުކިން ޗޮކްލެޓެއް މި ރެސިޕީގައި ބޭނުން ކުރެވިދާނެއެވެ.

⁃ ޗޮކްލެޓު ރަނގަޅަށް ވިރުމުން ޗޮކްލެޓް ހަދާ މޯލްޑުގެ ތެރެއަށް ތުނި ލޭޔަރަކަށް އެޅުމަށްފަހު 10 މިނެޓް ވަންދެން ނުވަތަ ސެޓު ވަންދެން އައިސް އަލަމާރީގައި ބަގައްޓާށެވެ.

⁃ އަމެއަށްފަހު ބޮޑު ބޯތަށްޓަކަށް މުރަނަ ކޮށްފައި ހުރި ކަޓައިފީ އާއި ޕިސްޓާޗިއޯ ކްރީމް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

⁃ ސެޓް ކުރަން އައިސް އަލަމާރިއަށް ލާފައިހުރި ޗޮކްލެޓް މޯލްޑު ނެގުމަށްފަހު ތައްޔާރު ކޮށްފައިހުރި ފިލިންގަނޑު އޭގެ ތެރެއަށް އަޅާށެވެ.

⁃ އަދި ސަމުސަލަކުން އެ ރީތިކޮށް އެއްވަރު ކޮށްލުމަށްފަހު ބާކީހުރި ޗޮކްލެޓު އަޅައި ރަނގަޅަށް އޮމާން ކޮށްލާށެވެ.

⁃ އެއަށްފަހު 1ގަޑި އިރު ވަންދެން ފްރިޖްގައި ބަހައްޓާށެވެ.

⁃ އެއް ގަޑި އިރު ވުމަށްފަހު ޗޮކްލެޓުތައް މޯލްޑުން ނައްޓައި ފްރިޖްގައި ބަހައްޓާށެވެ.

މި ޗޮކްލެޓްގެ ރަހަ ބެލުމުގެ ފުރުސަތު ލިބިފައިނުވާނަމަ މި ޗޮކްލެޓް ގޭގައި ތައްޔާރު ކޮށްގެން ކާލުމުގެ ފުރުސަތު މިއޮތީއެވެ. ޓިކްޓޮކް ވީޑިއޯތައް ބަލައި ކުޅު ދިޔާކޮޑްކޮށް ތިބުމުގެ ބަދަލުގައި އަޅުގަނޑު މެންނަށް ގޭގައި މި ތައްޔާރު ކުރުމަށްފަހު ރައްޓެހިންނާވެސް ހިއްސާ ކޮށްލެވިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން