ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން ޔޫސުފް މާނިއު އިސްތިއުފާ ދެއްވި ސަބަބު އޭނާ ހާމަކުރައްވައިފި އެވެ.

ކުރިން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި މާނިއު އެ މަގާމުން ވަކި ކުރައްވައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލު ކުރެއްވީ މިިދިޔަ ހޯމަ ދުވަހު އެވެ.

ނަމަވެސް އޭގެ ދެ ދުވަސް ފަހުން އިއްޔެ މާނިއު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މާނިއު ވިދާޅުވީ އޭނާ ކަސްޓަމްސްއިން ވަކިކުރި ސަބަބެއް އަދިވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރު ނިޒާމާ ގުޅޭ ގޮތުން ކަސްޓަމްސްއިން މަޖިލީހުގެ 241 ކޮމިޓީގައި އާންމުކުރި މައުލޫމާތުތަކުގެ މައްސަލަ ހޫނުވި އިރު އެ މައުލޫމާތުތައް ދެއްވީ ކަސްޓަމްސްގެ އެހެން ސީނިއާ ބޭފުޅެއް ކަަމަށް ވެސް މާނިއު ވިދާޅުވި އެވެ.

މާނިއު ވިދާޅުވީ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރެއްވި އިރު ހަމަޖެއްސެވި މުސާރާއާމެދު މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް މުސާރާއާ އެއްވަރަށް އެކަށީގެންވާ މަސައްކަތްތަކެއް ވެސް އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވުމާއެކު ވަޒީފާއިން ވަކިވެ ވަޑައިގެންނެވީ މުސާރަ ހަލާލު ނުވާނެތީ ކަމަށް މާނިއު ވިދާޅުވިއެވެ.

އަދި މިހާރު ހޯމް މިނިސްޓްރީގައި އެތައް ސްޓޭޓް މިނިސްޓަރުންނެއް އެބަ ތިއްބެވި ކަމަށް ވެސް މާނިއު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު