މަހަކީ ވަރަށް ގިނަ މީހުން ގޭގައި ގެންގުޅޭ އެއްޗެއް- ގޫގުލް ފޮޓޯސް
މަހަކީ ވަރަށް ގިނަ މީހުން ގޭގައި ގެންގުޅޭ އެއްޗެއް- ގޫގުލް ފޮޓޯސް
ގޭގައި މަސް ގެންގުޅެންތަ؟ މަހަކީ ވަރަށް ގިނަ މީހުން ގޭގައި ގެންގުޅޭ އެއްޗެކެވެ. ގިނަ މީހުން މަސް ގެންގުޅެނީ މަހަކީ ގޭގައި ގެންގުޅެން ފަސޭހަ އެއްޗަކަށްވެފައި، މަހަށް އަޅާލައި ކާންދީ ކަންތައް ކުރަން ޖެހޭ ވަރު މަދުވާތީއެވެ.

ބައެއް ފަހަރު ބޮޑު އަގު ދީފައި މީހުން ގަނެގެން ގެއަށް ގެންދާ މަސް މާ ގިނަ ދުވަހެއް ނުވެ މަރުވާން މެދުވެރިވާ ފަހަރުތައްވެސް އާދެއެވެ. އަދި އެކަމުގެ ސަބަބުން އޭގެ ވަރިފަރާތް އެކަމާ ދެރަވެ ހިތާމަ ކުރާ ފަހަރުތައްވެސް އާދެއެވެ. މިހެން މިކަން މެދުވެރިވަނީ ރަނގަޅަށް ދިރާސާ ނުކޮށް މަސް ގެއަށް ގެނެސް، އެ ބަލަހައްޓަން ޖެގޭ ގޮތަށް އެކަން ނުކުރެވޭތީއެވެ. ތިރީގައި މި ހިމަނާލަނީ ގޭގައި ގެންގުޅޭ މަސް މަރުވުމަށް މެދުވެރިވާ ބައެއްް ސަބަބުތަކެވެ.

މަސް ޓޭންކު ޖައްސާފައި ނުބެހެއްޓުން

މަސް ޓޭންކަށް މަސް އެޅުމުގެ ހަފްތާއެއް ކުރިން ޓޭންކު ޖައްސައި ފެން އަޅައި އެއަށް ބޭނުންވާ ނިއުޓްރިއެންޓު އުފެއްދުމުގެ ފުރުސަތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މަސް ގަނެގެން އަންނަ ދުވަހު އައިސް ފެން އަޅައި މަސްތައް އޭގެ ތެރެއަށް އަޅާލުމުން މަސްތަކަށް ލިބެންޖެހޭ ނައިޓްރޮޖެން އާއި ނިއުޓްރިއެންޓްތައް މަދުވެއެވެ. ނަމަވެސް 5-7 ދުވަސް ކުރިން އެ ޖައްސާނަމަ ފެންގަނޑު ތެރޭގައި ނައިޓްރޮޖެން ރަނގަޅަށް ދައުރުވެ، މަސް ހެދި ބޮޑުވުމަށް ބޭނުންވާ ރަނގަޅު ބެކްޓީރިއާ އުފެދުމުގެ ފުރުސަތު ބޮޑުވެއެވެ.



މާ ގިނައިން ކާންދިނުން

މިއީ އާންމު ގޮތެއްގައި ގޭގައި ގެންގުޅޭ މަސް މަރުވުމަށް ދިމާވާ އެއް ސަބަބެވެ. މަހަށް ކާންދޭއިރު ކާ އެއްޗިސް އަޅަން ޖެހޭނީ އެ މަސްތަކަށް ކުޑަ އިރު ކޮޅެއް ތެރޭގައި ކައި ހުސްކޮށްލެވޭ ވަރަށެވެ. މާ ގިނައިން މަހަށް ކާން އެޅުމުގެ ސަބަބުން ބާކީވެފައި ހުންނަ ކާއެއްޗެހި ފެނުގެ ތެރޭގައި ގިނަ ދުވަހު ހުރެ، އޭގެ ސަބަބުން ފެންގަނޑު ޣަރަގުވުމަށް މެދުވެރިވެއެވެ. އަދި މީގެ ސަބަބުން މަސްތަކަށް ގެއްލުންވެ މަރުވާ ފަހަރުތައްވެސް އާދެއެވެ.



ފެނުގެ ފިނި ހޫނު މިން ރަނގަޅުނުވުން

އެކި ކަހަލަ މަހަކީ އެކި މިންވަރުގެ ފިނި ހޫނު މިނުގައި ދިރިއުޅޭ ޖަނަވާރުތަކެވެ. ގޭގައި ގެންގުޅޭ ބައެއް ވައްތަރުގެ މަސްމަހާމެއްސަކީ ފިނި ފެނުގައި އުޅޭ މަސްމަހެވެ، އަދި އަނެއްބައި މަސްމަހަކީ ވަކި ވަރަކަށް ހޫނު ފެނުގައި އުޅެން ބޭނުންވާ މަސްމަހެެވެ. މިކަމުގެ ސަބަބުން މަސް ޓޭންކުގައި އެ މަސްމަހާމެއްސަށް ހެދި ބޮޑުވުމަށް އެހީވެދޭ ވަރަށް ފިނި ހޫނު މިން ބެހެެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. މަސް ޓޭންކުގައި ހުންނަ ފެންގަނޑު މާ ފިނި ގަދަ ނަމަ، އެކުއޭރިއަމް ހީޓަރެއް ބޭނުން ކޮށްގެން ފިނި ހޫނު މިން ހެއޮވަރު ކުރެވިދާނެއެވެ.

މަސް ޓޭންކުގައި ޕަމްޕާއި ފިލްޓަރު ނެތުން

މަސްޓޭންކުގައި ޕަންޕަކާއި ފިލްޓަރެއް ނެތުމަކީވެސް މަސް މަރުވުމަށް މެދުވެރިވާ ސަބަބެކެވެ. މަސް ޓޭންކުގެ ފެން ސާފު ކުރުމަށް ޓަކައި ފިލްޓަރާއި ޕަންޕަކީ ވަރަށް މުހިންމު އެއްްޗިއްސެވެ. މަސްތައް ހެދި ބޮޑުވުމަށް ސާފު ފެން ބޭނުންވެއެވެ. ވީމާ ގޭގައި ގެންގުޅެން މަސް ގެންނައިރު ޓޭންކުގައި ޕަންޕާއި ފިލްޓަރު ހަމަތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނުގުޅޭ މަސްތައް އެއް ޓޭންކެއްގައި ބޭތިއްބުން

ނުގުޅޭ މަސްތައް އެއް ޓޭންކަކަށް ލާފައި ބޭތިއްބުމަކީވެސް ވަރަށް ގިނަ މީހުން ކޮށް އުޅޭ ކަމެކެވެ. ގޭގައި ގެންގުޅެން މަސް ގެންނައިރު އެއީ އެކަތި އަނެކެއްޗާ ގުޅޭ ވައްތަރެއްގެ މަސްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ނުގުޅޭ މަސްތައް އެއް ޓެންކެއްގައި ބެހެއްޓުމަކީ އޭގެ ސަބަބުން ވަރަށް ނޭދެވޭ ނަތީޖާތަކެއް ނިކުމެދާނެ ކަމެކެވެ. އެގޮތުން ނުގުޅޭ މަސްތައް އެއް ތަނެއްގައި ބޭތިއްބުމުގެ ސަބަބުން މަސް މާ ބޮޑަށް ސްޓްރެސްވެ މަރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވީމާ އެކި ވައްތަރުގެ މަސް ގަތުމުގެ ކުރިން އެއާ ބެހޭ ގޮތުން ދިރާސާކޮށް އެއީ އެކަތި އަނެކައްޗާ ގުޅޭ މަސްމަހާމެހިތޯ ބަލަން ޖެހެއެވެ.

ޓޭންކުގައި ހުންނަ މަސްތަކަށް ބަލި ޖެހޭތޯ ނުބެލުން

ގޭގައި މަސް ގެންގުޅޭނަމަ އެއަށް ބަލިޖެހޭތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އެގޮތަށް ބަލައި އެ މަސްތައް ވަކި ނުކުރާނަމަ އެހެނިހެން މަސްތަކަށް ބަލި ފެތުރުމުގެ ބިރު އޮންނާތީއެވެ. ވީމާ ޓޭންކުގައި ހުރި މަހުގެ ފުށުން އެއްވެސް ކަހަލަ ބަލީގެ އަލާމާތެއް ފެނޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ބަލަންޖެހޭ ބައެއް ކަންތައްތަކުގެ ތެރޭގައި އިންފެކްޝަން ހުރިތޯ ބެލުމާއި، މަސްތަކުގެ ނިގޫ ހަލާކުވެފައި ހުރިތޯ ބެލުމާއި، މަހުގެ ހުކުޑިތައް ހަލާކުވެފައި ހުރިތޯ ބެލުން ހިމެެނެއެވެ. އަދި މިފަދަ އެއްވެސް ކަމެއް ފާހަގަ ވާނަމަ އެ މަހެއް އެހެން މަސްމަހާ ދުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ބަޔާންކުރެވު ކަންތައްތަކަކީ ގޭގައި ގެންގުޅޭ މަސް މަރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބު ތަކެވެ. ވީމާ ގޭގައި ގެންގުޅެން މަސް ގެންނަ ނަމަ މިކަންކަމާމެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން