ހާޓް އެޓޭކަކީ ވަރަށް ކުއްލި ގޮތަކަށް މީހާއަށް ދިމާވާ ކަމެއް- ގޫގުލް ފޮޓޯސް
ހާޓް އެޓޭކަކީ ވަރަށް ކުއްލި ގޮތަކަށް މީހާއަށް ދިމާވާ ކަމެއް- ގޫގުލް ފޮޓޯސް
ހާޓް އެޓޭކް ޖެހުމަކީ ރާއްޖޭގައިވެސް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ވަރަށް ގިނަ މީހުނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ބައްޔެވެ. ހާޓް އެޓޭކަކީ ވަރަށް ކުއްލި ގޮތަކަށް މީހާއަށް ދިމާވާ ކަމެކެވެ.

ހާޓް އެޓޭކް ޖެހުމަކީ ވަރަށް ވޭންދެނިވި ކަމަކަށްވާއިރު ހާޓް އެޓޭކް ޖެހުމަށް މެދުވެރިވަނީ ހިތަށް އޮކްސިޖަންއާއި ލޭ ފޮނުވައިދޭ ލޭހޮޅިތައް (އާޓްރީ) ބުލޮކު ވުމުގެ ސަބަބުންނެވެ. ގިނަބަޔަކަށް ނޭނގުނު ނަމަވެސް ހާޓް އެޓޭކެއް ޖެހުމުގެ ކުރިން އެ ޖެހޭ ކަމުގެ ބައެއް އަލާމާތްތައް އެމީހެއްގެ ހަށިގަނޑުން ފެނިގެން ދާނެއެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ ހާޓް އެޓޭކެއް ޖެހުމުގެ ކުރިން މީހާގެ ހަށިގަނޑުން ފެންނާނެ ބައެއް އަލާމާތްތަކެވެ.

މޭގައި ރިއްސުން

މޭގައި ރިއްސުމަކީ ހާޓް އެޓޭކެއް ޖެހެން އުޅޭ ކަމުގެ އެންމެ ބޮޑު އެއް ނިޝާނެވެ. އެގޮތުން މޭގައި ރިއްސާއިރު މޭގެ މެދަށް ބާރު އަރައި ވާތް ފަރާތަށް ވަރަށް ބޮޑަށް ތަދުވާނަމަ އެއީ ހާޓް އެޓޭކެއް ޖެހެން އުޅޭ ކަމުގެ އަލާމާތެކެވެ. ހާޓް އެޓޭކެއް ޖެހުމުގެ ކުރިން މެއަށް މާ ބޮޑަށް ޕްރެޝަރު އެރުމާއި، މޭ ފިތޭހެން ހީވުމާއި، މޭ ފުރިފައިވާހެން ހީވުމުގެ އިތުރުން ވަރަށް ތޫނު ތަދެއް އިހުސާސް ކުރެވުން ހިމެނެއެވެ. މިހެން މެދުވެރިވަނީ ހިތަށް ބޭނުންވާ ވަރަށް އޮކްސިޖެން އެކުލެވޭ ލޭ ނުލިބޭތީއެވެ. މެއަށް މިފަދަ ތަދު އަރައި، އެ ތަދު ރަނގަޅުނުވެ މާ ގިނައިރު ވާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނޭވާ ލާން އުނދަގޫ ވުން

ނޭވާ ލާން އުނދަގޫ ވުމަކީވެސް ހާޓް އެޓޭކެއް ޖެހުމުގެ ކުރިން ކުރިމަތިވާ ކަމެކެވެ. ހާޓް އެޓޭކެއް ޖެހުމުގެ ކުރިން މެއަށް ތަދެއް އަރާފައިވެސް އަދި ނާރާވެސް ނޭވާލާން އުނދަގޫ ވެދާނެއެވެ. އެގޮތުން ނޭވާ ކުރުވެ މާ އަވަހަށް ވަރުބަލިވާކަން އިހުސާސް ކުރެވޭނަމަ އެއީ ހާޓް އެޓޭކެއްގެ އަލާމަތެކެވެ. މިގޮތަށް މިކަން މެދުވެރިވަނީ ހިތް ތެޅޭ މިންވަރު މަދުވެ ހަށިގަނޑުގައި ލޭ ދައުރުވާވަރު މަދުވާތީއެވެ. މާ ބޮޑަށް ނޭވާލާން އުނދަގޫވެ މޭމައްޗަށް ތަދުވާނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަތާއި ދަތްދޮޅީގައި ރިއްސުން

އަތާއި ދަތްދޮޅީގައި ރިއްސުމަކީވެސް ހާޓް އެޓޭކެއް ޖެހުމުގެ ކުރިން ދިމާވާ ކަމެކެވެ. އެގޮތުން ވާތު އަތާއި، ބުރަކަށްޓާއި، ކަރާއި، ދަތްދޮޅި އަދި ބަނޑުގައި އެއްގޮތަކަށް ރިއްސާނަމަ އެއީ ހާޓް އެޓޭކެއް ޖެހެން އުޅޭ ކަމުގެ އަލާމާތެކެެވެ. އަދި މި ތަންތާގައި ރިއްސައި، ބަރުހެލިކަމުގެ އިހުސާސް ކުރެވި ބާރުއަރާކަމުގެ އިހުސާސް ކުރެވޭނަމަ އެންމެ ބޮޑަށް އެކަން އިހުސާސް ކުރެވެނީ ކޮން ގުނަވަނެއްގައިތޯ ދެނެގައްނަން ޖެހެއެވެ. އަދި މި ކަންކަމާއެކު، ނޭވާލާން އުނދަގޫވެ މޭގައި ރިއްސުން އިހުސާސް ކުރެވޭނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ދައްކަން ޖެހެއެވެ.

ބޯ އަނބުރައި ހޮޑު ލެވެން އުޅޭހެން ހީވުން

ހާޓް އެޓޭކް އެއް ޖެހުމުގެ ކުރިން ރަނގަޅަށް ހުރެފަ ކުއްލިއަކަށް ބޯ އަނބުރާ ހޮޑުލެވެން އުޅޭ ކަމުގެ އިހުސާސް ކުރެވެން ފަށާފާނެއެވެ. މިހެން މިކަން ދިމާވަނީ ހިތުގެ މަސައްކަތްތައް ފުރިހަމައަށް ނުހިނގުމުގެ ސަބަބުން ހަށިގަނޑުގެ އެެހެނިހެން މަސައްކަތްތަކަށް ބުރޫ އަރައި، ގޭސްޓްރިކް މައްސަލަ ތައް ޖެހުމަށް މެދުވެރިވާތީއެވެ. މީގެ ކުރިން އެހެން ނުވެ ފަހަކަށް އައިސް މި އަލާމާތް ތިބާގެ ގައިން ފެންނަނީނަމަ އެއީ ހާޓް އެޓޭކެއްގެ އަލާމަތަކަށް ވެދާނެއެވެ.

އަދި މީގެ އިތުރުން މާ ބޮޑަށް ދާހިއްލައި، ވަރުބަލިކަން އިހުސާސް ކުރެވި ހިތް ނުތަނަވަސްވާކަމުގެ އިހުސާސް ކުރެވުމަކީވެސް ހާޓް އެޓޭކެއް ޖެހުމުގެ ކުރިން ފެނިދާނެ އަލާމާތްތަކެވެ. ވީމާ މިފަދަ އަލާމާތްތައް ފެންނަކަމުގައި ވަނީނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން