ރުއިމަކީ އެކިކަހަލަ އިހުސާސްތައް ފާޅުކުރުމަށް އެންމެނެވެސް ކޮށް އުޅޭ ކަމެއް= ގޫގުލް ފޮޓޯސް
ރުއިމަކީ އެކިކަހަލަ އިހުސާސްތައް ފާޅުކުރުމަށް އެންމެނެވެސް ކޮށް އުޅޭ ކަމެއް= ގޫގުލް ފޮޓޯސް
ރުއިމަކީ އާދަޔާ ހިލާފު ކަމެއް ނޫނެވެ. މިއީ އަޅުގަނޑުމެން އެންމެންވެސް ކުރާ ކަމެކެވެ. ރުއިމަކީ ދެ ޖިންސުގެ މީހުންވެސް އަޅުގަނޑުމެން ހީކުރާ ވަރަށްވުރެ ގިނައިން ކުރާ ކަމެކެވެ. އެއްބަޔަކު ފާޅުގައި މޯހުން ކުރިމަތީ ރޯއިރު، އަނެއް ބަޔަކު ރޯލަނީ ފަރުދާގެ ފުރަގަހުގައު، އެކަނި ތިބެގެންނެވެ.

ރުއިމަކީ އެކިކަހަލަ އިހުސާސްތައް ފާޅުކުރުމަށް އެންމެނެވެސް ކޮށް އުޅޭ ކަމެކެވެ. އެއީ ޖަޒުބާތީ ހާލަތެއް ނުވަތަ ވޭނެއް ތަހައްމަލު ކުރަން ޖެހުމުގެ ސަބަބުން މެދުވެރިވާ ގުދުރަތީ ކަމެއްވެސް މެއެވެ. ރޮއެގަތުމަށް މަގުފަހިވާ ބައެއް ޖަޒުބާތުތަކުގެ ތެރޭގައި ހިތާމައާއި، ރުޅިވެރިކަމާއި، ކަމަކާ ފޯރިގަދަ ވުމާއި އަދި ކަމަކާމެދު އުފާވުންވެސް ހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ރުއިމަކީ ޖަޒުބާތީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އެތައް ފައިދާތަކެއް ލިބިދޭ ކަމެކެވެ.

ރުއިމަކީ ސްޓްރެސް ކުޑަކޮށްދިނުމަށް އެހީވެދޭ ކަމެކެވެ. ކަމަކާ މާ ބޮޑަށް ސްޓްރެސްވެ ބޯފަޅައިގެން ދާ ހާލަތްތަކުގައި ރަނގަޅަށް ކަރުނަ އަޅާ ރޯލުމުން ބޮލަށް ކޮންމެވެސް ވަރުގެ ލުޔެއް ވާކަން އިހުސާސް ކުރެވެއެވެ. މިހެން މިކަން ދިމާވަނީ ކަރުނަ އޮހޮރުވުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސްޓްރެސް ހޯރމޯން ކަމަށްވާ ކޮރޓިސޯލްގެ މިންވަރު ދަށްކޮށްދީ ސްޓްރެސް ކުޑަކޮށްދޭތީއެވެ.

ރުއިމަކީ އޭގެ ސަބަބުން މީހާގެ މޫޑު ރަނގަޅު ކޮށްދޭ ކަމެކެވެ. ހިތް ނުތަނަވަސްވާ ކަމެއް ދިމާވެ، މީހާގެ މޫޑު ސަކަރާތް ވެފައި ހުންނަ ގަޑިއެއްގައި ރަނގަޅަށް ރޯލުމުން މީހާގެ މޫޑު ރަނގަޅުވެގެންދާ ކަމުގެ އިހުސާސް ކުރެވޭނެއެވެ. ސަބަބަކީ ރަނގަޅަށް ރޯލުމަކީ ގުދުރަތީ ގޮތުން މޫޑު އިތުރުކޮށްދޭ އެންޑޯފިންސް ދޫކުރުމަށް މަގުފަހިކޮށް، ޖުމްލަ ގޮތެއްގައި ޖަޒުބާތީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކަމަކަށް ވާތީއެވެ.

މާ ބޮޑަށް ރުޅި ގަދަވެ މީހާ ރަތްވެފައި ހުންނަ ގަޑީގައި ރޯލުމަކީ ރުޅި މަޑު ކުރުމަށްވެސް އެހީވެދޭ ކަމެކެވެ. ރޯލުމުން މީހާގެ ޖަޒުބާތުތައް ބޭރުކޮށްދިނުމަށް އެހީވާއިރު، ރުއިމަކީ މީހާގެ ހަށިގަނޑުގައި ހުންނަ ރުޅިގަދަ ކުރުމަށް އެހީވެދޭ މާއްދާތަކުން މީހާ ރައްކާތެރި ކޮށްދޭ ކަމެއްވެސް މެއެވެ. ވީމާ ރުއިމަކީ ރުޅި މަތަ ކުރުމަށްވެސް ވަރަށް ބޮޑަށް އެހީވެދޭ ކަމެކެވެ.

ގަދަޔަށް ރޯލުމަކީ އޭގެ ސަބަބުން ނިދުމަށްވެސް އެހީވެދޭ ކަމެކެވެ. ކުޑަކުދިން ނިދުމުގެ ކުރިން ރޯނަމަ އެކުދިންނަށް ނިދަން ފަސޭހަވާ ކަމަށް ދިރާސާތަކުން ދައްކައެެވެ. ނަމަވެސް މިއީ ހަމައެކަނި ކުޑަކުދިންނަށް ވާ ކަމެއް ނޫނެވެ. ރުއިމުގެ ސަބަބުން ބޮޑެތި މީހުންނަށްވެސް ނިދި އައިސް އަރާމު ނިންޖެއްގައި ނިދޭ ގޮތް ވެއެވެ. މިހެން މިކަން މެދުވެރިވަނީ ރުއިމުގެ ސަބަބުން މީހާގެ ޖަޒުބާތުތައް ބޭރުވެ، މޫޑު ރަނގަޅުވުމުގެ ސަބަބުންނެވެ.

ވަރަށް ގިނަ މީހުން ދެކޭ ގޮތުގައި ރުއިމަކީ ވަރަށް ބަލިކަށި މީހުންގެ ކިބައިގައި ހުންނަ ސިފައެކެވެ. އަދި ބައެއް މީހުން ދެކޭ ގޮތުގައު އެއީ ވަރަށް "ކަޑަ" ކަމެކެވެ. މީހުން ރޯތަން ފެނުމުން އެމީހުންނަށް މަލާމާތްކޮށް ގަނާ ކުރުމަކީވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް ހަގީގަތުގައި ރުއިމަކީ އޭގެ ސަބަބުން އެތަކެއް ފައިދާތަކެއް ލިބިގެންދާ ކަމެކެވެ. އަދި ޖަޒުބާތުތައް ހިފަހައްޓާނުލާ ދޫކޮށްލަން އޮތް އެންމެ ރަނގަޅު ގޮތް ވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން