އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ލަފާ ކުރާ އަދަދަކީ އާދައިގެ އަދަދުތަކެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް"އިން ރޭ ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކާއެކު ރާއްޖޭގެވެސް އިގުތިސާދު ކުރިއަރާނެ މިންވަރާމެދު ވޯލްޑްބޭންކުން އޮތީ އަންދާޒާތަކެއް ކޮށްފައި ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިގުތިސާދު 5.4 ޕަސެންޓުގައި ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން އޮތީ ލަފާކޮށްފައި ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާއެއް ކުރާ ދާއިރާއަކީ ފަތުރުވެރިކަން ކަމަށެވެ، އަދި ޓުއަރިޒަމް ރާއްޖޭގެ ޖީޑީޕީގައި ހިއްސާކުރާ އަދަދަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރައިގެންދާ މިންވަރު ދައްކައިދޭ އެންމެ ބޮޑު އިންޑިކޭޓާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިދުމަތްދޭ ތަންތަނުގެ އޮކިއުޕަންސީ މިދިޔަ ތިން މަހު ދަށްވި ނަމަވެސް މިހާރު އޮކިއުޕަންސީ ރަނގަޅުވަމުންއައިސް ފަތުރުވެރިން އަންނަ މިންވަރުވެސް އިތުރުވެ އަނެއްކާވެސް އުއްމީދީ ހާލަތަކަށް ބަދަލުވަމުންދާ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ރާއްޖޭގެ އިގުތިސާދު ބަރޯސާވެފައިވާ އިރު، ޓްރާންސްޕޯޓާއި އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީވެސް އޮންނަނީ އެ ފަތުރުވެރިކަމުގެ ދާއިރާއަށް ބަރޯސާވެފައި ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއިން ވެސް ރާއްޖެ އިގުތިސާދީގޮތުން ކުރިއަރަމުންދާ މިންވަރު އެނގި ހާމަވާ ކަމަށެވެ.

"މި އަންނަ އަހަރު ވޯލްޑް ބޭންކުން ލަފާކުރަނީ ރާއްޖޭގެ އިގުތިސާދު ކުރިއަރާނީ 5.4 ޕަސެންޓޭ ވޯލްޑް ބޭންކުން ބުނެފައި އޮންނަނީ. އެހެންވީމާ ސަރަހައްދީ ގައުމުތަކާ އަދި ދުނިޔޭގެ އެހެން ގައުމުތަކަށް ބެއްޔަސް މިއީ އާދައިގެ އަދަދެއް ނޫން، ރަނގަޅު ކުރިއެރުމެއް އަޅުގަނޑުމެންނަށް ލިބެމުން ދަނީ." މިނިސްޓަރު ސައީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން