ކަސްޓަމްސްގެ ހެޑް އޮފް އިންޓެލިޖެންސް ސްޕްރިންޓެންޑެންޓް މުޙައްމަދު އަފްޒަލް މިއަދުގެ ޕްރެސްކޮންފަރެންސުގައި ވާހަކަ ދައްކަވަނީ
ކަސްޓަމްސްގެ ހެޑް އޮފް އިންޓެލިޖެންސް ސްޕްރިންޓެންޑެންޓް މުޙައްމަދު އަފްޒަލް މިއަދުގެ ޕްރެސްކޮންފަރެންސުގައި ވާހަކަ ދައްކަވަނީ
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 15.38 ކިލޯގުރާމްގެ މަސްތުވާތަކެތި ދިވެހި ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމްސް އާއި ފުލުހުންގެ ޚިދުމަތް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަސްޓަމްސްގެ ހެޑް އޮފް އިންޓެލިޖެންސް ސްޕްރިންޓެންޑެންޓް މުޙައްމަދު އަފްޒަލް ވިދާޅުވީ މަސްތުވާތަކެތި ފެނުނީ މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 07:40 ގައި އީކޭގެ ފްލައިޓަކުން ރާއްޖެ އައި މެލޭޝިއާގެ މީހެއްގެ ދަބަހުން ކަމަށެވެ.

އެގޮތުން އެ މީހާ ގެންގުޅުނު ފޮށި ތަންމަތި ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު މަސްތުވާތަކެތި ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 15.38 ކިލޯ ގުރާމް ހުރި ކަމަށް އަފްޒަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފެނުނު މަސްތުވާތަކެތީގެ ޖުމުލަ އަގު 12.3 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.



މިއީ މެލޭޝިއާ މީހަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެން ފުރަތަމަ ފަހަރު ކަމަށް އަފްޒަލް ވިދާޅުވިއެވެ. އަދި މިއީ ބަރުދަނުގެ ގޮތުން ބަލާއިރު މި އަހަރު މިހާތަނަށް އަތުލައިގެން އެންމެ ބޮޑު އަދަދެއްގެ މަސްތުވާތަކެތި ކަން އަފްޒަލް ފާހަގަކުރެެއްވިއެވެ.

އަފްޒަލް އިތުރަށް ވިދާޅުވީ، އެ މީހާ ދަތުރުކުރި މަގު ކަސްޓަމްސްއަށް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެ ގޮތުން، އެ މީހާ ބަލައި ފާސްކުރުމުގެ ތެރޭގައި އެ މީހާގެ އަތުން ފޭކް ޓިކެޓުތަކެއް ވެސް ފެނިފައިވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"މީނާ ރާއްޖެ އައިސްފައިވަނީ ބެންކޮކުން ދުބާއީއަށް ގޮސް، ދުބާއީން މާލެއަށް،" އަފްޒަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ މިމައްސަލަ އާއި ގުޅިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މެލޭޝިޔާ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.އެމީހާ އަކީ 44 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނިގޮތުގައި މައްސަލައިގައި ހިމެނޭ އިތުރު މެލޭޝިއާ މީހަކު މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ އަތުލައިގެންފައެެވެ. އެއީ، 41 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި މި މައްސަލައިގައި ހިމެނޭ އިތުރު ބަޔަކު އަދިވެސް އެބަތިބި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެ ގޮތުން، ބޭރުގެ އިދާރާތަކާ ގުޅިގެން އެމައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި މިހާތަނަށް ހަތަރު ގައުމެއްގެ މީހުން އެކަމުގައި ބައިވެރިވާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން