ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ)
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ)
ބިދޭސީންގެ މައްސަލަ ބޮއްސުންލުމުގައި ކަމާގުޅުންހުރި އިދާރާތަކުގެ އިހުމާލުވުން ހިމެނޭ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ) ވިދާޅުވެއްޖެއެވެ.

އިއްބެ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގެ ބަހުސްގައެވެ.

މި ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށައެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.

ބިލުގެ ބަހުސްގައި އިއްބެ ވިދާޅުވީ ބައެއް ކުންފުނިތަކުން ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އެތެރެކުރުމަށްފަހު، އެ މީހުން ބޭނުން ގޮތަކަށް އުޅެން ދޫކޮށްލާ ކަމަށެވެ. އަދި އެއީ ބިދޭސީން އެކި ރަށްރަށަށް ދަތުރުކޮށް، މާލޭގެ ސަރަހައްދުގައި އެކި މަސައްކަތްތައް ކުރަމުން ގެންދާ އެއް ސަބަބުކަމަށްވެސް އިއްބެ ވިދާޅުވިއެވެ.

އިއްބެ ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ކަމާބެހޭ އިދާރާތަކަށް ރެގިއުލޭޓު ނުކުރެވޭ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތަށް ލިބެން ޖެހޭ ޓެކުހާއި ފީތައް ނުލިބޭ ކަމަށާއި ބިދޭސީއަކު ކުންފުންޏަށް ފިލައިގެންދާ ހާލަތެއްގައި އެ މައްސަލައެއް ހުށަހެޅުމުން ވެސް އޭނާ ހޯދުމަށް ފޮޓޯއެއް އާންމު ކުރުމުން ފިޔަވައި އިތުރު މަސައްކަތެއް އިދާރާތަކުން ނުކުރާކަމަށް އިއްބެ ވިދާޅުވިއެވެ.

އަދި ބިދޭސީންނަށް ހިތުހުރި ގޮތަކަށް އުޅެން ފުރުސަތު ލިބުނީ ކަމާބެހޭ ފަރާތްތަކުގެ އެފަދަ އިހުމާލުތަކުގެ ސަބަބުންކަން އިއްބެ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ބިދޭސީންގެ ތެރޭގައި އެނބުރި ގައުމަށްދާން ބޭނުންވާ މީހުން އެބަތިބި ކަމަށާއި ނަމަވެސް އެމީހުންގެ އަތުގައި ރަސްމީ ލިޔެކިޔުމެއް ނެތުމުން ގިނަ ބަޔަކު ތިބީ ދެން ވާންވީ ގޮތެއް ނޭންގިފައި ކަމަށް އިއްބެ ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެމީހުންނަށް ފަސޭހައިން ޤައުމަށް އެނބުރި ދެވެން އޮތް މަގުތައް ބުނެދޭން ޖެހޭ ކަމަށް ބިލަށް ބަހުސް ކުރަށްވަމުން އިއްބެ މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން