ކޮންމެ މީހަކުވެސް ބޭނުންވަނީ އެންމެ ތުއްތު ކުދިން އެޑޮޕްޓް ކުރަން ކަމަށާއި ތަންކޮޅެއް ބޮޑެތި ކުދިން އެޑޮޕްޓްކުރަން ބޭނުންނުވާ ކަމަށް ސޯޝަލް މިނިސްޓްރީން ބުނެފި އެވެ.

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ސޯޝަލްގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަމްޒާ ވިދާޅުވީ ކުދިން އެޑޮޕްޓް ކުރުން ނުވަތަ ފޯސްޓާ ކުރުމަށް ހުޅުވާލުމުން ހޫނު ތަރުހީބެއް ލިބޭ ކަމަށެވެ.

އަދި އެކަމަށް ޝައުގުވެރިވެގެން މިނިިސްޓްރީއާ މުއާމަލާތް ކުރާ ކަމަށް ނަމްޒާ ވިދާޅުވި އެވެ.

އެކަމަކުވެސް ހުރިހާ އެންމެންވެސް ބޭނުންވަނީ ވަކި އުމުރު ފުރައެއްގެ ކުދިން އެޑޮޕްޓްކުރަން ކަމަށް ނަމްޒާ ވިދާޅުވި އެވެ.

"އަދިވެސް ކޮންމެ މީހަކުވެސް ބޭނުންވަނީ ހަމަ ތުއްތު ކުއްޖަކު ގެންދަން. ނުވަތަ ދެ އަހަރު ނުވާ ދޮޅު އަހަރުގެ ކުއްޖަކު ގެންދަން،'" ނަމްޒާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން ހަތަރު އަހަރުގެ ކުއްޖާވެސް އާއިލާއެއް ބޭނުންވާކަން ނަމްޒާ ފާހަގަ ކުރެއްވި އެވެ.

އެކަމަކު ތަންކޮޅެއް ބޮޑު ކުއްޖަކު އެޑޮޕްޓް ކުރަން ބަލާއިރު އެފަދަ ކުދިން އާއިލާތަކަށް ހޭނުމުގެ ފުރުސަތު ދަށްވެދާނެ ކަމުގެ ނުތަނަވަސްކަން ގިނަ ބައެއްގެ އޮންނަ ކަމަށް ނަމްޒާ ވިދާޅުވި އެވެ.

ނަމްޒާ އިތުރަށް ވިދާޅުވީ ކުއްޖަކު އާއިލާއަކާ ހަވާލުކުރަނީ ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް ފަހު ކަމަށެވެ. އަދި ކުއްޖަކު އާއިލާއަކާ ހަވާލުކުރުމުގެ ކުރިން އާއިލާގެ ތެރެއަށް ހޭނުމަށް ދައުލަތުން ވެސް މަސައްކަތް ކުރާ ކަމަށް ނަމްޒާ ވިދާޅުވިއެވެ.

އަދި ހަވާލުކުރުމަށް ފަހު ވެސް ވަރަށް ގާތުން އެ ކުދިން މޮނީޓާކުރަމުންދާ ކަމަށާއި އާއިލާއަކާ ކުއްޖަކު ހަވާލުކުރުމަށްފަހު މައްސަލައެއް ދިމާވެގެން އަނބުރާ ކުއްޖަކު ގެންނަން ޖެހޭ ހާލަތަަކަށް އަދި ގޮސްފައި ނުވާ ކަމަށް ވެސް ނަމްޒާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު