ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށައެޅުއްވި އަޙްމަދު މުނައްވަރު އެ މަޤާމަށް އައްޔަނު ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ރުހުންދީފިއެވެ.

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި އަހުމަދު މުނައްވަރު ގަވަރުނަރުކަމަށް އައްޔަން ކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި މައްސަލަ ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މުނައްވަރާ އިންޓަވިއު ކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައެވެ. ދެ ގަޑިއިރަށް ދެމިގެންދިޔަ އެ ބައްދަލުވުމަށްފަހު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މުނައްވަރު އެ މަގާމަށް އައްޔަންކުރަން އެވްރެޖްކޮށް 70 އަށްވުރެ ގިނަ މާކްސް ލިބުނު ކަމަށެވެ. އެހެންކަމުން އެ ގޮތަށް ފާސްކުރަން ނާޒިމް ވަނީ ހުށަހަޅުއްވައިފައެވެ.

އެއަށްފަހު ކޮމެޓީގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން އެމްއެމްއޭގެ ގަވަރުނަރު ކަމަށް މުނައްވަރު ޢައްޔަނު ކުރުމަށް ވަނީ ފާސްކޮށްފައެވެ.

ކޮމެޓީގެ ރިޔާސަތުން މިއަދު ވިދާޅުވީ ވީ އެންމެ އަވަހަކަށް އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މަޖިލީހުގެ ރިޔާސަތަށް ފޮނުއްވާނެ ކަމަށެވެ.

އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ އެއްވެސް ސަަބަބަކާ ހުރެ ގަވަރުނަރުގެ މަގާމު ހުސްވެއްޖެ ނަމަ، 45 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭނެ ކަމަށެވެ. އެ މަގާމުގައި ކުރިން ހުންނެވި އަލީ ހާޝިމް މަޤާމުން ވަކިކުރެއްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް ޔާމިންގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެޑްވައިޒާ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް ރައީސް ޑރ. މުއިއްޒު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން