މިއަހަރު މިހާތަނަށް މާލޭގެ މަގުތަކަށް ކުނި އެޅުމުގެ 6،500 މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ރޭ އާންމުކޮށްފައިވާ ފާއިތުވީ 6 މަސްދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މާލޭގެ މަގުމައްޗަށް ކުނި އަޅައިގެން އެ އިދާރާއަށް 6،560 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މަގުމައްޗަށް ކުނިއަޅާ މީހުން ހޯދައި ޖޫރިމަނާ ކުރުމާއި އެމީހުން ލައްވައި ކުނިތައް ނެގުމުގެ މަސައްކަތް މާލޭ ކައުންސިލުން ކުރަމުންދާއިރު މަގުމައްޗަށް ކުނި އެޅުން އަދިވެސް ހުއްޓާނުލާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

"މަގޭ ސާފު ރާއްޖެ"ގެ ނަމުގައި ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމެއް ވެސް ސަރުކާރުން ވަނީ އިފްތިތާހުކޮށްފައެވެ. އެގޮތުން މި ސިޔާސަތަކީ ކުރިއަށް އޮތް 5 އަހަރު، ރާއްޖޭގައި ކުނި މެނޭޖުކުރުމާއި ވެށީގެ ސާފުކަން ދެމެހެއްޓުމަށް ކުރިއަށްގެންދާނެ މަސައްކަތްތަކާ ގުޅޭގޮތުން އެކުލަވާލި މަގު ޗާޓެކެވެ.

ސަރުކާރުން ފެށި ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދު ސާފުކޮށް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 6،475.1 ޓަނުގެ ކުނި އުކާލާފައިވާއިރު، އޭގެ ތެރެއިން 2،359.2 ޓަނުގެ ކުންޏަކީ މާލޭގެ މަގުތަކުން ނަގާފައިވާ ކުނިތަކެވެ.

މިމަހު ކުރީކޮޅު މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވީ ކުނީގެ މައްސަލައަށް ހައްލު ނުގެނެވެނީ ހެދިފައިވާ ގަވައިދަށް އަމަލު ނުކުރާތީ ކަމަށެވެ. އަދި އެފަދަ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު ގަވައިދުގެ ދަށުން ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން