އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު
ބައިނަލްއަޤުވާމީ މިންގަނޑުން ބަލާނަމަ ރައްޔިތުންގެ މަޖިލީހަށް އެންމެ އެކަށޭނެ ޢަދަދަކީ 77 ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފިޤު ވިދާޅުވެއްޖެއެވެ.

ފުވާދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ ހިޔާލު ހޯދުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަޖިލީހަށް ހުށައެޅުއްވި ޤަރާރުގެ ކޮމިޓީ މަރުޙަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފުވާދު ތައުފީޤު ވިދާޅުވީ މަޖިލީހުގެ މެންބަރުން އެއްވެސް ހިފެހެއްޓުމެއް ނެތްގޮތަށް އިތުރުވަމުން ދިއުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށާއި މެންބަރުންގެ ޢަދަދު ކެޕް ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމަށް ތާޢީދު ކުރަށްވާ ކަމަށެވެ.

އެގޮތުން ކޮމިޝަނުން ކޮށްފައިވާ ދިރާސާތަކުގެ އަލީގައި ރާއްޖެއަށް އެންމެ އެކަށޭނެ ޢަދަދެއްކަމަށް ފެންނަނީ 77 ކަމަށް ފުވާދު ވިދާޅުވިއެވެ. އެގޮތުން ކޮންމެ އަތޮޅަކަށް ދެ ގޮނޑި ކަނޑައަޅައި ބާކީވާ 35 ގޮނޑި އާބާދީގެ ނިސްބަތުން ބަހާލުމަށް ކޮމިޝަނަށް ފެންނަ ކަމަށް ފުވާދު ވިދާޅުވި އެވެ.

ފުވާދު ވިދާޅުވީ މަޖިލީހުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެކޮމިޝަންގެ އިއުތިރާޒެއް ނެތް ކަމަށާއި ނަމަވެސް 77ގެ ނިސްބަތުން ބަހާލުމުން 2050 އާ ހަމައަށް އެއްވެސް ގޮތަކަށް ދާއިރާ ބަދަލުނުކޮށް ރައްޔިތުންނަށް ވޯޓު ލެވޭނެ ކަމަށެވެ.

“އަޅުގަނޑުމެންގެ ސްޓޭންޑަކީ 77 ވިޔަސް 65 ވިޔަސް އަދި 75 ވިޔަސް ކެޕްވެފައި ކޮންމެ އަތޮޅަކަށް ދެ ސީޓް ލިބިފައި އާބާދީގެ ނިސްބަތުން ކަނޑައެޅުން.” ފުވާދު މިއަދު ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުމުގައި އީސީގެ ނައިބުރައީސް ޢަލީ ނަޝާތު ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގައި މަލްޓިޕާޓީ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށާއި އެހެންކަމުން މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅާއިރު ބައެއް ގައުމުތަކުން ޕާޓީތަކަށް ވަކި އަދަދަކަށް ގޮނޑިތައް ދީފައިވާ ގޮތާމެދު ވިސްނުމަކީ ނެތްކަމެއް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން