ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށައެޅުއްވި އަޙްމަދު މުނައްވަރު އެ މަޤާމަށް އައްޔަނު ކުރުމަށް މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި އަހުމަދު މުނައްވަރު ގަވަރުނަރުކަމަށް އައްޔަން ކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި މައްސަލަ ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ.

މުނައްވަރާ އިންޓަވިއު ކުރުމަށް މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުން ދެ ގަޑިއިރަށް ދެމިގެންދިޔައެވެ. އެއަށްފަހު ކޮމެޓީގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން އެމްއެމްއޭގެ ގަވަރުނަރު ކަމަށް މުނައްވަރު ޢައްޔަނު ކުރުމަށް ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމެޓީގެ ރިޕޯޓް ހުށައަޅުއްވަމުން ކޮމިޓީގެ މުޤައްރިރު މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވީ މުނައްވަރަށް ރުހުން ދިނުމަށް އެކޮމެޓީން 95 އިންސައްތަ މާރކްސް ލިބިވަޑައިގެންނެވި ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ވޯޓު ވަގުތުގައި މުނައްވަރަށް ރުހުން އޮތްތޯ ބެލުމަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި 78 މެންބަރުން ވަނީ މުނައްވަރަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވާފައެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ އެއްވެސް ސަަބަބަކާހުރެ ގަވަރުނަރުގެ މަގާމު ހުސްވެއްޖެނަމަ، 45 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭނެ ކަމަށެވެ. އެ މަގާމުގައި ކުރިން ހުންނެވި އަލީ ހާޝިމް މަޤާމުން ވަކިކުރެއްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް ޔާމިންގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެޑްވައިޒާ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް ރައީސް ޑރ. މުއިއްޒު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން