ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މަޢުލޫމާތު ހާމަކުރުމަށް އާސަންދަ ކުންފުނިން ޢުޒުރުވެރިވެފައިވާތީ މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމް މިއަދު ހިތްހަމަ ނުޖެހުން ފާޅުކުރަށްވައިފިއެވެ.

އާސަންދައިން ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާގެ ތަފްސީލު ހޯދުމަށް މާލިއްޔަތު ކޮމިޓީން ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި އެކުންފުނިން ބުނެފައިވަނީ ފައިސާ ނުދައްކާހުރި ވަކިވަކި ކުންފުނިތަކުގެ ތަފްސީލު ހާމަކުރަން އުނދަގޫ ކަމަށާއި ނަމަވެސް ޖުމްލަކޮށް ޕްރައިވެޓް ސެކްޓަރަށާއި ޕަބްލިކް ސެކްޓަރަށް ދޭން ހުރި ފައިސާގެ ތަފްސީލު ހާމަ ކުރެވިދާނެ ކަމަށެވެ.

އެކަމާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އާސަންދައިގެ ޙާލަތު ރަނގަޅު ކުރުމަށް މާލިއްޔަތު ކޮމެޓީއަށް މަސައްކަތް ކުރެވޭނީ ކޮމިޓީން އެދޭ މައުލޫމާތެއް އާސަންދައިންވެސް ދީގެން ކަމަށެވެ.

ނާޒިމް ވިދާޅުވީ އާސަންދައިން މާލިއްޔަތު ކޮމިޓީއަށް ސައްޙަ މަޢުލޫމާތު ޙިއްސާކުރަން ޖެހޭނެ ކަމަށާއި އެގޮތުން ބޭރުގެ ހޮސްޕިޓަލުތަކާ ގުޅިގެން ރާއްޖޭގައި ގާއިމް ކޮށްފައި ހުރި ތަންތަނަށް ކުރާ ހަރަދުތަކުގެ ތަފްސީލުވެސް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

“އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ އައިޖީއެމްއެޗްގެ ހާޓް ސެންޓަރަށް ވެސް އެތައް މިލިއަން ޑޮލަރެއް ދައްކަން އެބައޮތް ކަން.” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މައުލޫމާތުތައް ފޮރުވުމުގެ ބޭނުމެއް ނެތް ކަމަށާއި ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭ ސަބަބުވެސް އާސަންދައިން ބުނެދޭން ޖެހޭނެ ކަމަށެވެ.

ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ ކޮމެޓީން އެދިފައިވާ މައުލޫމާތުތައް ދިނުމަށް އަލުން އާސަންދައަށް އެންގުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން