ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
17 ނޮވެމްބަރު 2023 ގެ ނިޔަލަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން އެކި ފަރާތްތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 871 މިލިއަން ރުފިޔާއަށް އަރާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ދައްކަން ޖެހޭ 144 މިލިއަން ރުފިޔާ ހޯދަން އެ ހޮސްޕިޓަލުން މާލިއްޔަތު ކޮމިޓީގެ އެހީތެރިކަމަށް އެދިފައިވާތީ މާލިއްޔަތު ކޮމިޓީން ވަނީ އެންސްޕާ އާއި އާސަންދައިން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލް ހޯދުމަށް އެދިފައެވެ.

އެކަމާގުޅިގެން އެންސްޕާއިން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ 17 ނޮވެމްބަރު 2023 ގެ ނިޔަލަށް އެންސްޕާއިން ސަރުކާރާއި އަމިއްލަ އެހެނިހެން ފަރާތްތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު އަށްސަތޭކަ ހަތްދިހަ އެއްމިލިއަން، ނުވަލައްކަ ހަތްދިޔަ ހަހާސް، ހަތަރުސަތޭކަ ސާޅިސް ދެރުފިޔާއަށް އަރާ ކަމަށެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި މެންބަރުންވަނީ ސަރުކާރުން އެންސްޕާ އާއި އާސަންދައަށް ބޮޑު ހޭދައެއް ކުރަމުންދާއިރު އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުދައްކާ އޮތުމަކީ ކަންބޮޑުވުމެއްކަން ފާހަގަ ކުރަށްވާފައެވެ.

އޭޑީކޭ އިން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ސަރުކާރުގެ މުއައްސަސާތަކަށް ދީފައިވާ ހިދުމަތްތަކާއި، އާސަންދަ އާއި އެންސްޕާގެ ދަށުން ދީފައިވާ ހިދުމަތްތަކަށް 144،376،112 ރުފިޔާ ބިލްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ފައިސާ ނުދައްކާތާ 90 އަށްވުރެ ގިނަ ދުވަސްވެފައިވާ 78،555،528 ރުފިޔާ ހޯދަން މަޖިލީހުގެ އެހީތެރިކަމަށް އެ ހޮސްޕިޓަލުން އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން