މި ސަރުކާރުގެ ކެބިނެޓުން ގިނަ ކަންތައްތަކެއް ނިންމަވާފައިވީނަމަވެސް އެކަންކަން އަމަލީގޮތުން ތަންފީޒުވަމުން ނުދާކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ, މި ސަރުކާރުގެ ކެބިނެޓުން މިހާތަނަށް 225 ނިންމުމެއް ނިންމާފައިވާކަމަށް ދައްކާކަމަށެވެ.

އަދި އެއީ ސަރުކާރަށް މި ހޭދަވި މުއްދަތާއި ބަލާއިރު ވަރަށް ގިނަ އަދަދެއްގެ ނިންމުންކަމަށާއި ވަރަށް ގިނަ ވަގުތު އޭގައި ހިމޭނޭނެކަމަށް ވިދާޅުވިއެވެ.

ނަމަވެސް, އެއިން ގިނަ ކަންކަން ތަންފީޒުވަމުން ނުދާކަމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެހާ ގިނަ ނިންމުންތައް ނިންމި ނަމަވެސް ރާއްޖޭގެ ރަށްރަށުގައި އެއްވެސް ކަމެއް ނުހިންގޭ ކަމަށާއި ހުރިހާ މަސައްކަތެއް އޮތީ ހުއްޓިފައިކަމަށް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވީ, އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރަން ކެބިނެޓުން ނިންމި ނިންމުން އަދިވެސް ތަންފީޒުނުވެ އޮތް އޮތުމެވެ. ޝާހިދު ވިދާޅުވީ އެ ދުވަހު ކެބިނެޓް ބައްދަލުވުން ނިންމާލުމަށްފަހު އިސްރާއީލްގެ ޕާސްޕޯޓު މަނާކުރަން ނިންމިކަމަށް ބުނެ ނޫސްވެރިންނާއި ބައްދަލުކޮށް ވަޒީރުން ވަރަށް ހަރުއަޑުން އެވާހަކަ ދެއްކެވިކަމަށެވެ. ނަމަވެސް, އޭގެފަހުން އެތައް ދުވަހެއް ވެގެންދާއިރު އެ ނިންމުމަށް އަމަލު ކުރެވިފައި ނުވާކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ, ވަޒީރުންގެ މަޖިލީހުން ނިންމަންވާނީ މުހިންމު ބޮޑެތި ކަންކަން ކަމަށާއި މުހިންމީ ގިނަ ނިންމުންތަކެއް ނިންމުން ނޫންކަމަށެވެ. އަދި މިހާރު ނިންމަވާފައިވާ ނިންމުންތަކުގެ އަދަދަށް ބަލާއިރު ވަޒީރުންގެ މަޖިލީހުގެ ޖަލްސާތަކުގައި ގާތްގަނޑަކަށް 6 ގަޑިއިރު ވަޒީރުން ތިއްބަވަން ޖެހޭނެކަމަށާއި ގައުމުގައި ކުރަންއޮތް މަސައްކަތަށް ބަލާއިރު އެގޮތަށް ޖަލްސާގައި ތިއްބަވަން އެއީ ވަރަށް ގިނަ ވަގުތުކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ ޑިސްކަޝަންގައި ޝާހިދު ވަނީ ހާރިޖީ ސިޔާސަތާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. މި ސަރުކާރުން ހާރިޖީ ކަންކަމުގައި ކުރިން ގެންގުޅުނު ސިޔާސަތުތައް ބަދަލުކޮށް ގައުމުތަކާއެކު މަސައްކަތް ކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެކަމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ޝާހިދު މިރޭ ވަނީ ފާހަގަ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން