ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް
ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް
ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ތާޢީދު ކުރަށްވާކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލޯކަލް ކައުންސިލްގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރަށްވަމުން ޑރ. އަނާރާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ތާޢީދު ކުރަށްވާކަމަށެވެ.

އަދި އެއީ އިންތިޚާބުތަކުގައި ވާދަ ކުރަށްވާ ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށާއި ރައްޔިތުންނަށްވެސް އެތައް ގޮތަކުން ފަސޭހަވެގެންދާނެ ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ. ހަމައެއާއެކު އެއީ ރައީސް ޑރ. މުޢިއްޒުވެސް ތާޢީދު ކުރަށްވާ ވިސްނުމެއް ކަމަށް އަނާރާ މިއަދު ވިދާޅުވިއެވެ.

“އިންތިޚާބުތައް ބޭއްވޭ މިންވަރު މަދުކުރަން އެބަޖެހޭ. އެގޮތުން އަޅުގަނޑުވެސް ވަރަށްބޮޑަށް ތާޢީދު ކުރާ ކަމެއް އެއީ ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބު އެއްކޮށް ބޭއްވުން.” ޑރ. އަނާރާ މިއަދު ވިދާޅުވިއެވެ.

އަނާރާ މިއަދު ވަނީ ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ބޭއްވުމަށް އެންމެ އެކަށީގެންވަނީ އީ-ވޯޓިން ނިޒާމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މިއަދު ވިދާޅުވުމާ ގުޅިގެން އެކަމަށްވެސް ރައްދު ދެއްވާފައެވެ.

އެގޮތުން ޑރ. އަނާރާ ވިދާޅުވީ ޙަޤީޤަތަކީ އީ-ވޯޓިން އަށްވުރެ ވޯޓު ފޮށްޓަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ޤާނޫނުތައް އިސްލާޙު ކުރެވޭނެ ކަމަށާއި ނަމަވެސް އެގޮތަށް ގެނެވޭ އިސްލާޙުތައް ވާންޖެހޭނީ ދަޢުލަތް ހިންގުމަށް ފަސޭހަކޮށްދިނުމަށްޓަކައި ގެނެވޭ އިސްލާޙުތަކަށް ކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ އަބަދު އިންތިޚާބުތަކުގައި ސަރުކާރު ބިޒީވެގެން އުޅެންޖެހުމަކީ ދަޢުލަތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބުރޫއަރާ ކަމެއް ކަމަށާއި އެހެންކަމުން އަހަރަކު ދެފަހަރު އިންތިޚާބުތައް ބޭއްވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމަށް ތާޢީދު ކުރަށްވާ ކަމަށްވެސް ޑރ. އަނާރާ މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން