ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި ގެދޮރުވެރިކަމުގެ ކޮމިޓީގެ ނަމުގައި އާ ކޮމިޓީއެއް އުފައްދައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާ ފައްޓަވަމުން ވިދާޅުވީ އައު ކޮމެޓީގައި މެންބަރުން ތަމްސީލު ކުރަށްވާނެ ގޮތް މެންބަރުންނާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

އަބްދުއްރަޙީމް ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި "ގެދޮރުވެރިކަމުގެ ކޮމިޓީ" އިތުރުކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދު 115 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށްގެން ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރިން އޮންނަނީ މަޖިލީހުގެ ދާއިރާގެ ތެރޭގައި އޮންނަ ދާއިމީ ތިން ކޮމިޓީއަކާ، ދައުލަތުގެ އިދާރާތަކާ ބެހޭ ދާއިމީ 15 ކޮމިޓީއެކެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ކޮމިޓީއަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި މެމްބަރުންގެ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވެއެވެ. އެ ނަންތައް ފާސްކުރީ މަޖިލީހަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 79 މެންބަރުންގެ އިއްތިފާގުންނެވެ.

އެއަށްފަހު މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރުގެ މަގާމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އިންތިޚާބު ކޮށްފައިވަނީވެސް ކޮމިޓީގެ އިއްތިފާޤުންނެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރު ކަމަށް އައްޔަންކޮށްފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފެވެ.

ފަލާހާއި އިމްރާންގެ އިތުރުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފާއި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާނުގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމެވެ.

މަޖިލީހުގެ ގަވާއިދުުގައިވާ ގޮތުން ގެދޮރުވެރިކަމުގެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ގެދޮރުވެރިކަމާގުޅޭ ކަންކަން ދިރާސާކުރުމެވެ. އަދި ބޯހިޔާވަހިކަމާގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ.

މީގެއިތުރުން ގެދޮރުވެރިކަމާގުޅޭ އިދާރާތަކާ ގުޅުންހުރި ކަންކަން ކުރުމާއެކު ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާގޮތް ބެލުމާއި އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާ އެކު އެ މަސައްކަތްތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރުއެޅުންވެސް ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން