ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް
ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި ދިން ފައިސާގެ ތަފްސީލު ހޯދަން މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ ކަމަށެވެ.

އެހެންކަމުން ބަދަލުގެ ގޮތުގައި ފައިސާ ލިބުނު ފަރާތްތަކުގެ ތަފްސީލް ހޯދުމަށް މަމްދޫޙު ވަނީ ކޮމިޓީއަށް ހުށައަޅުއްވާފައެވެ. އަދި އެކަމަށް ކޮމިޓީގެ މެންބަރު އަޒާން ވަނީ ތާޢީދު ކުރަށްވާފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ދަޢުލަތުން ބަދަލުގެ ގޮތުގައި 557 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ވަނީ ދީފައެވެ. އޭގެތެރެއިން 438.1 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ރައީސް ޞާލިޙްގެ ވެރިކަމުގައެވެ.

އޭގެ އިތުރުން މި ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި މިއަހަރުގެ އޭފްރީލް މަހުގެ ނިޔަލަށް 113 މިލިއަން ރުފިޔާ އެކިފަރާތްތަކަށް ދީފައިވާކަން ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކައެވެ.

މިސަރުކާރުން ބަދަލުގެ ގޮތުގައި 113 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މި ވެރިކަމުގައި ބަދަލުގެ ގޮތުގައި ދިނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، އެކިފަރާތްތަކަށް ބަދަލު ދެއްވާފައިވަނީ ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ރައްޔިތުންގެ ބޮލުގައި އިލްތިޒާމެއް އަޅަން ޖެހިދާނެތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން