ރަށްރަށުގެ މަގުބައްތިތައް ވަކި ސްޓޭންޑަރޑަކަށް ގެނައުމަށް ފެނަކައިން ކައުންސިލްތަކަށް ދިން މުއްދަތުގައި އެ މައްސަލަތައް ހައްލުކުރަން ކައުންސިލްތަކަށް ދަތިވާނެ ކަމަށާއި އެކަމާއި ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރައްވާނެކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރުގައި މަގުބައްތިއަކުން ކަރަންޓުގައި ޖެހި ކުއްޖަކު ނިޔާވި މައްސަލައަށްފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ އެކަމުގެ ތަހުގީގު ހިންގުމަށްފަހު ފެނަކަ ފަންސާސްހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެ މައްސަލައަށްފަހު މުއްދަތެއް ދިނުމަށްފަހު މިއަދުގެ ނިޔަލަށް އެކަންކަން ރަނގަޅު ކުރާ ރަށްރަށުގައި ނޫނީ ބައްތިތަކަށް ކަރަންޓް ނުދިނުމަށް ފެނަކައިން ވަނީ ނިންމާފައެވެ.

ނަމަވެސް، ގިނަ ރަށްރަށުގެ މަގުބައްތިތަކުގެ ކަރަންޓްގެ މައްސަލަ އެއްކޮށް އަދި ވެސް ހައްލެއް ނުވެއެވެ.

އެކަމާއި ގުޅޭގޮތުން އާދަމް ޝަރީފް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުބައްތިތަކުގައި އީއެލްސީބީ ހަރުކުރުން މުހިންމުކަމަށެވެ. ނަމަވެސް، އެކަން ކުރުމަށް ކައުންސިލްތަކަށް އިތުރު މުއްދަތާއި ވަގުތު ބޭނުންވާކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ފެނަކައާއި ދަނީ މަޝްވަރާ ކުރެވެމުން ކަމަށާއި، އެކަމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ވެސް މަޝްވަރާ ކުރައްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އުނގޫފާރުގައި ހިނގި ހާދިސާ ތަހުގީގު ކުރުމަށްފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނެފައިވަނީ އެ ބައްތިތަކުގައި އީއެލްސީބީ ހަރުކޮށްފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން