ހުޅުމާލޭގައި އިއްޔެ ހިނގި ވަރުގަދަ ނުކުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށް، ހައްޔަރުކުރި އެންމެންގެ ވަނަވަރު ވެސް ހާމަކޮށްފި އެވެ.

ހުޅުމާލެ ފޭސް ދޭއްގައި އިއްޔެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްކައިރީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހާގެ ގައިގައި ޖެހިގެން ނެވެ.

އެ ހާދިސާގައި ސައިކަލުގައި މަޑުކޮށްގެން އިން މީހާ އެތައް ފޫޓަކަށް ވިއްސައިގެން ދިޔައެވެ.

ފުލުހުން ރޭ އެންމެ ފުރަތަމަ ބުނީ އެ އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކާރު ދުއްވި މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ރޭ ވަރަށް ދަންވި ފަހުން ބުނީ އެ މައްސަަލައިގައި އިތުރު ދެ މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި އެ ދެ މީހުންނަކީވެސް އެކްސިޑެންޓް ހިނގިއިރު ކާރުގައި ތިބި މީހުން ނެވެ.

އެ މައްސަަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި މ. ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާއިލް އެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. ނަމަވެސް، ފަހުންވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި މިހާރު ފަރުވާ ދެމުންދަނީ ވާޑްގައި ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިއީ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން