ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު އަހުމަދު ރަޝީދު ވިދާޅުވީ ހިތަދޫގައި މި ވަގުތުގައި ވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާ ކަމަށާއި، ހިތަދޫއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދަނީ ވަރަށް ބޮޑު ގޮންޖެހުންތަކަކާއެކު ކަމަށެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން މުއާޒު ވިދާޅުވީ އެކަން ހައްލު ކުރުމަށާ ޗައިނާ ކުންފުންޏަކާއިއެކު އެއްބަސްވުމެއް ހެދިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިމުމުން އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އާބާދީ ބޮޑު އައްޑޫސިޓީގައި ކަރަންޓުގެ މައްސަލަތައް ޖެހެމުންދާތީ އެ ސިޓީގެ ރައްޔިތުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންކަން ފާހަގަ ކުރެވެއެވެ. ކަރަންޓުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވަނީ ހިތަދޫގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިން ބުނީ ރާއްޖޭގެ ބޮޑެތި ގިނަ ރަށްތަކެއްގައި ކަރަންޓާއި ފެނުގެ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަންކަން ހައްލުކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން