ރާއްޖެ އައި ފަތުރުވެރިއަކު ވިސާ ހަމަވުމުންވެސް އެނބުރި އޭނާގެ ގައުމަށް ނުގޮސް ރާއްޖޭގައި މަސްވެރިކަން ކުރުމުގައި އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ 2023 ޑިސެންބަރު 20 ވަނަ ދުވަހު ރާއްޖެ އެތެރެވެފައިވާ ފަތުރުވެރިއަކު ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް، ރާއްޖޭގެ ބޯޓެއްގައި މަސްވެރިކަމުގެ މަސައްކަތްކޮށް، ދިރިއުޅެމުންދާ ކަމަށް އެ އިދާރާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން ގޮސްފައި ވަނީ ނޯވޭއަށް ނިސްބަތްވާ ފަތުރުވެތިއެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި 2024 ޖުލައި 25 ވަނަ ދުވަހު ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު ފަތުރުވެރިޔާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ އެ ފަތުރުވެރިޔާ ޤާނޫނާއި ޚިލާފުވެފައި ވާތީ އޭނާ މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ އިމިގްރޭޝަނުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން