ހެނބަދޫން ހައްޔަރުކުރި ދެމީހުން
ހެނބަދޫން ހައްޔަރުކުރި ދެމީހުން
ނ. ހެނބަދޫގައި މަސައްކަތްކުރާ ފުލުހުންގެ ސައިކަލުތަކަށް ގެއްލުންދިން މައްސަލާގައި ދެމީހުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީގެ ކުރިން ބުނެފައިވަނީ ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ފުރަތަމަ ގެއްލުން ދިނީ 31 ޖުލައި ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެހެން ފުލުހެއްގެ ސައިކަލްގައި އޮގަސްޓް 2 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުޖަހައި، ބޭނުން ނުކުރެވޭ ވަރަށް ވަނީ ގެއްލުން ދީފައިކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލް ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އޮޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ އެ މައްސަލާގައި އެ ރަށުން 33 އަހަރުގެ ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރު ކޮށްފައިވަނީ ނ. ހެނބަދޫ ސެލްވިޔޯ އިލްޔާސް އިބްރާހީމާއި ނ. ހެނބަދޫ ހުދުތަރި މުޙައްމަދު އިރުޝާދެވެ.

އެމީހުން ހައްޔަރު ކޮށްފައިވަނީ ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތް ކުރާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދީފައިވާތީ ކަމަށް ފުލުހުންގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ޝިފާން މީގެ ކުރިން ވިދާޅުވެފައިވަނީ ފުލުހުންގެ ސައިކަލުތަކަށް ގެއްލުން ދީފައިވަނީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ގުޅިގެން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ޝިފާން އިތުރަށް ވިދާޅުވީ އެފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންނަށް އިންޒާރު ދިނުމާއި ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު