ރައީސް ޑރ. މުޢިއްޒު (ކ) އާއި ރައީސް ނަޝީދު (ވ)
ރައީސް ޑރ. މުޢިއްޒު (ކ) އާއި ރައީސް ނަޝީދު (ވ)
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާއާއި ގުޅިގެން ހިންގި މަޖިލީސް އިންކުއަރީގައި ފާހަގަކޮށްފައިހުރި ގޯސްތައް އަލުން ބެލުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.

241 ކޮމިޓީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ރައީސް މުހައްމަދު ނަޝީދަށް 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ދިފާއީ ވުޒާރާއަށާއި ދިވެހި އަސްކަރިއްޔާއަށް މިހާރު ލިބިފައި އެބަހުރި ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވަނީ ވިދާޅުވެފައެވެ.

މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމް ވިދާޅުވީ 241 ކޮމިޓީން އެ މައްސަލާގައި ކުރިން ހެދި އިންކުއަރީގައި ފާހަގަވި މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް އަލުން ގެންނަން ހުށައަޅުއްވާ ކަމަށެވެ.

އެގޮތުން ރައީސް ނަޝީދަށް ދިން ޙަމަލާގެ އިންކުއަރީގައި ސަލާމަތީ ޚިދުމަތްތަކުގެ ކޯޑިނޭޝަންގެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާތީ މެންބަރުންގެ ކަންބޮޑުވުންތަކެއް ހުރިކަން ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފާހަގަ ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުގެ ސަމާލުކަމަށް އެމައްސަލަ ގެނައުމަށް އެ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެހެންކަމުން ކޮމިޓީގެ މުޤައްރިރު އަޙްމަދު ސަލީމް ވަނީ އެސިޓީ މިއަދު ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޮނުއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނައަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ 8:32 ގައި މާލޭ ނީލޯފަރުހިނގުމާއި މަޖީދީމަގާ ގުޅުނު ކަންމަތިން، ސައިކަލެއްގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ހަރުކޮށްގެން އެ އައިއީޑީ ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއްލިބި ބޭސް ފަރުވާއަށް ރާއްޖޭން ބޭރުގައި ގިނަދުވަސްތަކެއް ވަންދެން އެމަނިކުފާނު އުޅުއްވާފައިވެއެވެ.

ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ މެއި 6 ގެ އައިއީޑީ ގޮއްވާލި އަދުހަމަށް 23 އަހަރާއި 6 މަހާއި ނުވަ ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އަދި އެމައްސަލައާ ގުޅިގެން ގިނަ ބައެއްގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ކްރިމިނަލް ކޯޓުގައި މިވަގުތުވެސް ދަނީ ހިނގަމުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނަ ބާރުގަދަ އައިއީޑީއެއް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯމް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހަސަނު

13-Aug-2024

މިސަރުކާރު އަންނިއަށް ބަރޯސާވާ ވަރު އެބަ ސާބިތުވޭ.



ޓްރެންޑިން