ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވާޖިދު ވަނީ މިއަދު މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާއަށް މި ނިންމުމާ ހަމައަށް ވަޑައިގަތުމަށް މަޖުބޫރުވީ، އެ ޤައުމުގައި ދަރިވަރުންގެ އިސްނެގުމުގެ ދަށުން ފެށުނު އިހުތިޖާޖުތައް މުޅި ޤައުމަށް ފެތުރި، އެކަން ނުރައްކާތެރި ހަމަނުޖެހުންތަކަކަށް ބަދަލުވުމާ ގުޅިގެންނެވެ. މި ހާދިސާތަކާ ގުޅިގެން، ޝައިޚް ހަސީނާ ވަނީ އިސްތިއުފާދެއްވުމަށް ފަހު ޤައުމު ދޫކުރައްވައި ވަޑައިގެންފައެވެ.
76 އަހަރުގެ ހަސީނާ މިއަދު (ހޯމަ ދުވަހު) ހެލިކޮޕްޓަރަކުން އިންޑިއާއަށް ވަޑައިގެންފައިވާކަމަށް ރަސްމީ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވެއެވެ. އޭނާ ފިއްލަވައިގެން ވަޑައިގެންނެވި ވަގުތަކީ، ވެރިރަށް ޑާކާގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ރައްޔިތުންގެ އެތައްހާސް ބަޔަކު ވަދެގަތް ވަގުތެވެ.
ބަންގްލަދޭޝްގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަންކުރެއްވި ޝައިޚް ހަސީނާގެ ވެރިކަން ނިމިގެންދިޔައީ ކުރިން ހީވެސް ކުރެވިފައި ނުވާ ގޮތަކަށެވެ. އޭނާ ވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު ބަންގްލަދޭޝްގެ މައްޗަށް ގޮށްމުށުގެ ވެރިކަމެއް ހިންގަވާފައެވެ.
ހަސީނާއަކީ ދެކުނު އޭޝިއާގެ މި ޤައުމަށް އިޤްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުމެއް ގެނެސްދެއްވި ލީޑަރެއްގެ ގޮތުގައި ތާރީޚުގައި ރެކޯޑުކުރެވިފައިވާ ޝަޚްޞިއްޔަތެކެވެ. ނަމަވެސް، އޭނާގެ ވެރިކަމުގެ ދައުރުގައި ފެނިގެން ދިޔައީ ދައުލަތުގެ އެންމެހައި ބާރުތައް އަމިއްލަ އަތްމައްޗަށް ހޯއްދަވައި، ޚުދުމުޚްތާރު އުސޫލުން ޤައުމު ހިންގަވަމުން ގެންދެވި މަންޒަރެވެ.
މިއަހަރުގެ ޖެނުއަރީ މަހު ބޭއްވުނު އިންތިޚާބުގައި، އޭނާ ވަނީ ހަތަރުވަނަ ދައުރަކަށް ބޮޑުވަޒީރުކަން ހާސިލުކޮށްފައެވެ. ނަމަވެސް، މި އިންތިޚާބާ މެދު ފާޑުކިޔާ ފަރާތްތަކުން ވަނީ ސުވާލު އުފައްދައި، އިންތިޚާބުގެ އިންސާފުވެރިކަމާމެދު ޝައްކު އުފައްދާފައެވެ. އަދި ބައެއް ފަރާތްތަކުން މި އިންތިޚާބު ސިފަކޮށްފައިވަނީ އޮޅުވާލުންތަކާއި މަކަރުވެރިކަން އެކުލެވޭ އިންތިޚާބެއްގެ ގޮތުގައެވެ.
ޝެއިޚް ހަސީނާ ވެރިކަމަށް ވަޑައިގެންނެވީ ކިހިނެއް؟
ޝެއިޚް ހަސީނާ ވާޖިދަކީ 1947 ވަނަ އަހަރު އިރުމަތީ ބަންގާޅުގެ (މިހާރުގެ ބަންގްލަދޭޝް) މުސްލިމް ސިޔާސީ އާއިލާއަކަށް އުފަންވި، ޝަޚްޞިއްޔަތެކެވެ.
އޭނާގެ ބައްޕަ، ޝެއިޚް މުޖީބުއްރަޙްމާނަކީ، 1971 ވަނަ އަހަރު ޕާކިސްތާނު އަތުން ބަންގްލަދޭޝްގެ މިނިވަންކަން ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ފަރާތެވެ. އަދި އެ ޤައުމުގެ ފުރަތަމަ ރައީސްކަން ކުރެއްވުމާއެކު، "ޤައުމީ ބައްޕަ" ގެ މަގާމު ލިބިވަޑައިގެންނެވި ޚާއްޞަ ލީޑަރުވެސްމެއެވެ.
ހަސީނާ، ޑާކާ ޔުނިވަރސިޓީގައި ކިޔަވަން އުޅުއްވި ދުވަސްވަރު، ދަރިވަރުންގެ ޙައްޤުތަކަށް ވަކާލާތުކުރައްވައި، ދަރިވަރުންގެ ލީޑަރެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގަތެވެ. މި ތަޖުރިބާތަކަކީ، ފަހުން އޭނާގެ ސިޔާސީ ކެރިއަރަށް މަގުފަހިކޮށްދިން މުހިންމު ބިންގަލެކެވެ.
1975 ވަނަ އަހަރު ހިނގި ސިފައިންގެ ބަޣާވާތެއްގައި، ބަންގްލަދޭޝްގެ ފުރަތަމަ ރައީސް، ޝައިޚް މުޖީބުއްރަޙްމާނާއި އެމަނިކުފާނުގެ ޢާއިލާގެ ގިނަ މެންބަރުން އަވަހާރަކޮށްލެވުނެވެ. މި ހިތާމަވެރި ހާދިސާއިން ސަލާމަތްވީ ހަމައެކަނި ޝައިޚް ހަސީނާ އާއި އޭނާގެ ހަގު އުޚުތެވެ. މި ދެ ބޭފުޅުން ސަލާމަތްވެވަޑައިގަތީ އެ ވަގުތު ބޭރު ޤައުމެއްގައި ދަތުރުފުޅެއްގައި ވަޑައިގެން ތިއްބެވުމުގެ ސަބަބުންނެވެ.
މި ހާދިސާއަށްފަހު، އިންޑިއާގައި އަރުވާލެވިގެން ހުންނެވުމަށްފަހު، ޝައިޚް ހަސީނާ 1981 ވަނަ އަހަރު ބަންގްލަދޭޝަށް އެނބުރި ވަޑައިގަތެވެ. އޭގެފަހުން، އެކަމަނާގެ ބައްޕަ އިސްކޮށް ހުންނެވި ސިޔާސީ ޕާޓީ ކަމުގައިވާ އަވާމީ ލީގުގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތެވެ.
އޭގެފަހުން، އެހެނިހެން ސިޔާސީ ޕާޓީތަކާ ގުޅިވަޑައިގެން، ޖެނެރަލް ޙުސައިން މުޙައްމަދު އިރްޝާދުގެ މިލިޓަރީ ވެރިކަމާ ދެކޮޅަށް ނުކުމެވަޑައިގަތެވެ. މީގެ އިތުރުން، ޑިމޮކްރަސީއަށް ތާއީދުކުރައްވައި މަގުމަތީގައި އިހުތިޖާޖުތައް ކުރެއްވިއެވެ. މި މަސައްކަތްޕުޅުގެ ސަބަބުން ޝައިޚް ހަސީނާއަކީ ރައްޔިތުންގެ މެދުގައި މަޤްބޫލު އަދި ލޮބުވެތި ޝަޚްޞިއްޔަތަކަށްވިއެވެ.
އޭނާ ފުރަތަމަ ބޮޑުވަޒީރުކަމުގެ މަޤާމަށް އިންތިޚާބުވީ 1996 ވަނަ އަހަރުއެވެ. އޭނާގެ މިވެރިކަމުގައި، އިންޑިއާއާއެކު ފެން ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމާއި ޤައުމުގެ ދެކުނު-އިރުމަތީގައި ދިރިއުޅޭ ޤަބީލާތަކުގެ ހަނގުރާމަވެރިންނާއެކު ސުލްޙައިގެ އެއްބަސްވުމެއްގައިވެސް ސޮއިކުރެއްވުމުގެ ސަބަބުން އޭނާއަށް ޚާއްޞަ ތަޢުރީފު ލިބުނެވެ.
ނަމަވެސް، މި ކާމިޔާބީތަކާއެކު، އޭނާގެ ސަރުކާރަށް ކޮރަޕްޝަނުގެ ގިނަ ވިޔަފާރި މުޢާމަލާތްތަކެއް ހިންގިކަމުގެ ތުހުމަތުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. މީގެ އިތުރުން، މާބޮޑަށް އިންޑިއާގެ ނުފޫޒުގެ ދަށުގައި އުޅޭކަމުގެ ފާޑުކިޔުންތަކާވެސް އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ.
2001 ވަނަ އަހަރު ބޭއްވުނު އިންތިޚާބުގައި، އޭނާގެ ކުރީގެ ސިޔާސީ އެކުވެރިޔާ އަދި ފަހުން ސިޔާސީ ވާދަވެރިޔަކަށް ވެފައިވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ބޭޣަމް ޚާލިދާ ޒިޔާ، އޭނާގެ މައްޗަށް ކުރިހޯދައި ވެރިކަން ހޯދިއެވެ.
ސިޔާސީ ޚާންދާނުތަކުގެ ވާރިޘުންގެ ގޮތުގައި، މި ދެ އަންހެން ބޭފުޅުން ވަނީ ތިން ދަހަރެއްހާ އަހަރު ބަންގްލަދޭޝްގެ ސިޔާސީ ވެރިކަމުގެ އެންމެ މަތީގައި ހޭދަކުރައްވާފައެވެ. މި ދެ ބޭފުޅުން މަޝްހޫރުވެފައިވަނީ "ހަނގުރާމަކުރާ ބޭޣަމުން" ގެ ގޮތުގައެވެ. ބޭޣަމަކީ ބަންގްލަދޭޝް ހިމެނޭ ސަރަހައްދުގެ މަތީ ދަރަޖައިގެ މުސްލިމް އަންހެނުންނަށް ކިޔާ ނަމެކެވެ.
މުރާޤިބުންގެ ނަޒަރުގައި، އެ ދެ ބޭފުޅުންގެ ހަރުކަށި، ދެކޮޅުވެރި ވާދަވެރިކަމުގެ ސަބަބުން ބަސްބަހުގައި ބޮން ގޮއްވުމާއި، މީސްމީހުން ގެއްލުވާލުމާއި އަދި ޝަރުޢީ ނިޒާމުން ބޭރުން މީހުން މެރުން ފަދަ ކަންކަން އާންމުވިއެވެ.
ހަސީނާ ދެވަނަ ފަހަރަށް ވެރިކަމަށް ވަޑައިގަތީ 2009 ގައި ވަގުތީ ސަރުކާރެއްގެ ދަށުން ބޭއްވުނު އިންތިޚާބަކުންނެވެ.
އޭނާ ވެވަޑައިގެންފައިވަނީ ސިޔާސީ ގޮތުން ކެތްތެރިކަމާއެކު ދެމިހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. އިދިކޮޅު ސަފުގައި ހުންނެވިއިރު އެތައް ފަހަރަކު ހައްޔަރުކުރެވުނެވެ. އަދި ތަފާތު އެކި ފަހަރުމަތިން އޭނާއަށް މަރުގެ ހަމަލާ ދެވިފައިވެއެވެ. އޭގެ ތެރޭގައި 2004 ގައި އޭނާގެ ކަންފަތަށް ގެއްލުން ލިބި، އަޑުއިވުމަށް އަސަރުކުރި ހަމަލާ ހިމެނެއެވެ. މީގެ އިތުރުން އޭނާ ޤައުމުން ބޭރުކުރުމަށް ކުރެވުނު ގިނަގުނަ މަސައްކަތްތަކާއި، އޭނާއާ ދެކޮޅަށް ތުހުމަތުކުރެވުނު ކޮރަޕްޝަނުގެ އެތައް މައްސަލައެއް ތަޙައްމަލުކުރައްވަން ޖެހިވަޑައިގެންނެވިއެވެ.
ޝައިޚް ހަސީނާއަށް ހާސިލުކުރެއްވުނީ ކޮން ކަމެއް؟
ހަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ތަރައްޤީގެ ދުވެލި ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ހަލުވިވެފައެވެ. މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މި ޤައުމަކީ، ކުރީގައި ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ތެރޭގައި ހިމެނުނު ޤައުމެކެވެ. ނަމަވެސް 2009 އިން ފެށިގެން ހަސީނާގެ ވެރިކަމުގައި އިޤްތިޞާދީ ގޮތުން ޤައުމަށް ވަނީ މުހިންމު ކުރިއެރުންތަކެއް ލިބިފައެވެ.
މިހާރު ބަންގްލަދޭޝްއަކީ މި ސަރަޙައްދުގެ އެންމެ ހަލުވިކޮށް ކުރިއަރަމުންދާ އިޤްތިޞާދުތަކުގެ ތެރެއިން އެއް އިޤްތިޞާދެވެ. މި ކުރިއެރުމުގެ ބާރުމިނުގައި ބަންގްލަދޭޝްވަނީ އަވަށްޓެރި ބޮޑު ޤައުމު އިންޑިއާއަށްވުރެ ވެސް ކުރިއަރައިގެން ގޮސްފައެވެ.
ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ ބޮލަކަށް ޖެހޭ އާމްދަނީގެ މިންވަރު ވަނީ ތިން ގުނަ އިތުރުވެފައެވެ. އަދި ވޯލްޑް ބޭންކުގެ އަންދާޒާތަކުން ދައްކާ ގޮތުގައި ފާއިތުވި 20 އަހަރުގެ ތެރޭގައި 25 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ފަގީރުކަމުން މިންޖުވެފައެވެ.
މި އިޤްތިޞާދީ ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ހެދުން ފެހުމުގެ ސިނާޢަތުންނެވެ. މިއީ ބަންގްލަދޭޝްގެ މުޅި އެކްސްޕޯޓުގެ ބޮޑު ބައެއް ހިއްސާކުރާ ދާއިރާއެކެވެ. އަދި ފާއިތުވި އަހަރުތަކުގައި މި ސިނާޢަތް ވަނީ އަވަސް ދުވެއްޔެއްގައި ކުރިއަރާފައެވެ. މިގޮތުން ޔޫރަޕް، އުތުރު އެމެރިކާ އަދި އޭޝިއާގެ މާކެޓުތަކަށް އުފެއްދުންތައް އެކްސްޕޯޓުކުރެވެއެވެ.
ޤައުމުގެ އަމިއްލަ ފައިސާއާއި، ބޭރުގެ ލޯނާއި، ތަރައްޤީގެ އެހީ ބޭނުންކޮށްގެން ހަސީނާގެ ސަރުކާރުން ވަނީ ބޮޑެތި އުމްރާނީ މަޝްރޫޢުތަކެއް ތަންފީޒުކޮށްފައެވެ. މީގެ ތެރޭގައި 2.9 ބިލިއަން ޑޮލަރުގެ ޚަރަދުގައި ގަންގާ ކޯރުގައި އަޅާފައިވާ ޕަދްމާ ބްރިޖް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.
އޭނާއާ ދެކޮޅަށް އުފެދިފައިވާ މައްސަލައަކީ ކޮބާ؟
އެންމެ ފަހުން ހިންގި މުޒާހަރާތަކަކީ ޝެއިޚް ހަސީނާ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމެވެ. މިއީ އޭނާގެ ޕާޓީ ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ދައުރަކަށް އިންތިޚާބުވި، ބޮޑެތި ޚިލާފުތައް އުފެދުނު އިންތިޚާބަށްފަހު ހިނގި ކަމެކެވެ.
އިސްތިއުފާ ދިނުމަށް އިތުރުވަމުންދިޔަ ގޮވާލުންތަކާ ދޭތެރޭ ޝެއިޚް ހަސީނާ ދެމިހުރީ އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. މުޒާހަރާކުރި ފަރާތްތައް އޭނާ ސިފަކުރީ "ނިރުބަވެރީން" ގެ ގޮތުގައެވެ. އަދި "މި ނިރުބަވެރީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައި ހުއްޓުވުމަށްޓަކައި" އެހީތެރިކަމަށް ވެސް އޭނާ އެދުނެވެ.
ޑާކާ އާއި އެހެނިހެން ސަރަޙައްދުތަކުގައި ފެށުނު ހަމަނުޖެހުން އުފެދުނީ ސިވިލް ސަރވިސްގެ ވަޒީފާތަކުން ކޯޓާގެ ނިޒާމު ނައްތާލުމަށް އެދިގެންނެވެ. ނަމަވެސް އޭގެފަހުން މި ހަރަކާތް ބަދަލުވެގެން ދިޔައީ ފުޅާ ދާއިރާއެއްގައި ސަރުކާރާ ދެކޮޅު އިހުތިޖާޖަކަށެވެ.
ކޮވިޑް-19ގެ ވަބާއަށްފަހު، ބަންގްލަދޭޝްއަށް ވަނީ ދިރިއުޅުމުގެ އަގުތައް އުފުލުމުގެ ގޮންޖެހުމާ ކުރިމަތިލާން ޖެހިފައެވެ. އިންފްލޭޝަން ރޭޓް ހަލުވިކޮށް މައްޗަށް އަރައި، ބޭރު ފައިސާގެ ރިޒަރވް ވަނީ މަދުވެފައެވެ. އަދި 2016 އިން ފެށިގެން ބޭރުގެ ދަރަނި ވަނީ ދެގުނަ އިތުރުވެފައެވެ.
ފާޑުކިޔާ ފަރާތްތަކުން ދެކޭގޮތުގައި މި ހާލަތުގެ ޒިންމާ އުފުލަންޖެހެނީ ޝެއިޚް ހަސީނާގެ ސަރުކާރުގެ ނުކުޅެދުންތެރިކަމެވެ. އަދި ބަންގްލަދޭޝްގެ އިޤްތިޞާދީ ކުރިއެރުމުގެ މަންފާ ލިބުނީ ހަމައެކަނި ޝެއިޚް ހަސީނާގެ އަވާމީ ލީގާ ގުޅުންހުރި ފަރާތްތަކަށް ކަމަށް އެބައިމީހުން ބުނެއެވެ. މިއީ ފުޅާވެފައިވާ ކޮރަޕްޝަންގެ ނަތީޖާއެއް ކަމަށް އެފަރާތްތަކުން ދެކެއެވެ.
ޤައުމު ތަރައްޤީވެ ކުރިއަރައިގެންދަނީ ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ ނެތިކޮށްލާފައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ހަސީނާގެ ވެރިކަމުގައި ސިޔާސީ އިދިކޮޅު ފަރާތްތަކާއި، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކާއި، މީޑިއާގެ މައްޗަށް އަނިޔާވެރި އަދި އިސްތިބްދާދީ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.
ސަރުކާރުންނާއި ހަސީނާ މި ތުހުމަތުތައް ދޮގުކޮށްފައިވީ ނަމަވެސް، ފާއިތުވި މަސްތަކުގައި ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް ފަހު، ބީ.އެން.ޕީއަށް ތާއީދުކުރާ އެތައްހާސް ބަޔަކާއި އެ ޕާޓީގެ ގިނަ އިސް ލީޑަރުންތަކެއް ހައްޔަރުކޮށްފައިވެއެވެ. މިއީ އެއް ޒަމާނެއްގައި ގިނަ ޕާޓީތަކުގެ ޑިމޮކްރަސީއަށްޓަކައި ވަކާލާތުކޮށް މަސައްކަތްކުރި ލީޑަރެއްގެ ކިބައިން ފެނުނު ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ.
މީގެ އިތުރުން، 2009 ވަނަ އަހަރުން ފެށިގެން ސަލާމަތީ ބާރުތަކުން މީހުން ގެއްލުވާލުމާއި، ޤާނޫނީ އިމުން ބޭރުން މީހުން މަރާލާފައިވާ ކަމަށް ބުނެވޭ އެތައް ސަތޭކަ މައްސަލައަކާ މެދު އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ހަސީނާގެ ސަރުކާރުން މިފަދަ އަނިޔާވެރި ޢަމަލުތަކުގެ ފަހަތުގައި އޮތް ކަމަށް ބުނެވޭ ތުހުމަތުތައް ކަނޑައެޅިގެން ދޮގުކުރި ނަމަވެސް، މި މައްސަލަތައް ތަޙްޤީޤުކުރަން ބޭނުންވާ ބޭރުގެ ނޫސްވެރިންނަށް ޤައުމަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިކުރެވިފައިވާކަން ފާހަގަކުރެވެއެވެ.
މަޢުލޫމާތު: ބީބީސީ

ކިޔުންތެރިންގެ ހިޔާލު